ކުޅިވަރު

ވޯލްޑް ކަޕް ތަށި ދުނިޔެއަށް ދައްކާލާނީ ރޮނާލްޑޯ


ރަޝިޔާގައި މާދަމާ ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ރަސްމީކޮށް ދައްކާލާނީ ބްރެޒިލްގެ ރޮނާލްޑޯ ކަމަށް ފީފާއިން ހަމަޖައްސައިފިއެވެ.

ވެރިރަށް މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމުގައި ސައުދީ އަރަބިއާ އާއި ރަޝިޔާ ކުޅޭ މެޗުން ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ރޮނާލްޑޯ މިހާރު ހުރީ ރަޝިޔާގައެވެ.

"ވޯލްޑް ކަޕަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭ އާދަޔާ ހިލާފު ފުރުސަތެއް ދުނިޔޭގެ ތަރިއަކަށްވުމަށް. އަހަރުމެންގެ ދުވަހުގައި އެކަން ކޮށްފިން. މިފަހަރު ރަޝިޔާގައި ވެސް އެތައް ކުޅުންތެރިންނެއް ވިދާލާނެ ކަމަށް އަހަރެން ޔަޤީންކުރަން. ވޯލްޑް ކަޕަށް ރަޝިޔާ މިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަކީ ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. މީގެ ތެރެއިން 2002 ވަނަ އަހަރު ބްރެޒިލް ތަށި ހޯދީ ޖަރުމަނު ކޮޅަށް އޭނާ ޖެހި ދެ ގޯލުންނެވެ. އޭނާ ވަނީ 1998 ވަނަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި 2002 ވަނަ އަހަރުގެ ރަންބޫޓު ހޯދައި 2006 ވަނަ އަހަރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.
ފީފާގެ ދައުވަތަކަށް ރަޝިޔާއަށް ގޮސް ވޯލްޑް ކަޕުގެ ރަސްމީ ދާރުލް އާސާރު ހުޅުވައިދިނީ ބްރެޒިލްގެ ކުރީގެ ވާތު ބެކް ރޮބާޓޯ ކާލޮސްއެވެ. އަދި މުބާރާތުގެ ރަސްމީ ފޭން ފެސްޓް ހުޅުވައިދިނީ ފްރާންސްގެ މާސެލް ދެސާއީއެވެ. އަދި އިޖްތިމާއީ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެ ފަހުން ވޯލްޑް ކަޕް އުފުލާލި ދެ ކެޕްޓަނުން ކަމަށްވާ ސްޕޭނުގެ ކުރީގެ ކެޕްޓަން އިކާ ކަސިޔާސް ޖަރުމަނުގެ ފިލިޕް ލާމް ތިބީ ރަޝިޔާގަ އެވެ.