ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފި


ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް، ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަ ޕްރޮގްރާމްތަކެއް ޖެންޑަރ މިނިސްޓްރީން ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މަޢުލޫމާތުދޭ ގޮތުގައި ރަމަޟާން މަހަށް ޚާއްޞަ ޕްރޮގުރާމުތަކެއް ހިންގާފައިވަނީ ވިލިމާލޭގައި އެމިނިސްޓްރީން ހިންގާ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހިންގާ ފިޔަވަތި ހިޔާގައެވެ.

ފިޔަވަތި ހިޔާގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަކޮށް ޤުރްޢާން މުބާރާތަކާއި މަދަހަ މުބާރާތެއް މި ހިނގާ ޖޫން މަހުގެ 10 އަކުން 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ދެ މުބާރާތުގައިވެސް ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ފަހަކާއި ދެމެދުގެ ކުދިން ބައިވެރިވެފައިވެއެވެ. މިގޮތުން ޤުރުޢާން މުބަރާތުގައި ފިޔަވަތީގެ 58 ކުދިން ބައިވެރިވެފައިވާއިރު، މަދަހަ މުބާރަތުގައި 36 ކުދިންވަނީ ބައިވެރިވެ ވާދަކޮށްފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވިލިނގިލީގައި ހިންގާ ކުޑަކުދިން ގެ ހިޔާގައި ދިރިއުޅޭ ކުދިންނަށްވެސް ވަނީ ޤުރުއާން މުބާރާތެއް މި ރަމަޟާން މަހު ބާއްވާފައެވެ. މި ޤުރްޢާން މުބާރާތް އިންތިޒާމް ކޮށް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް(އެމް.އެންޑީ.އެފް) އާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގުޅިގެންކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ވިލިނގިލީގެ ކުޑަކުދިން ގެ ހިޔާގައި ބޭއްވި ޤުރުއާން މުބާރާތުގައި އުމުރުން 11 އަހަރާއި 18 އަހަރާއި ދެމެދުގެ 39 ކުދިން ބައިވެރިވެ ވާދަކޮށްފައިވެއެވެ. މި މުބާރާތްތައް ކުރިޔަށްދިޔަ ވަގުތުތަކުގައި ޖެންޑަރ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން އަންނަ ކުޑަކުދިން ގެ ދުޅަހެޔޮކަމާއި ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދޭކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. މި މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި އެ މިނިސްޓްރީން ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިން ގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން އެ ކުދިންގެ ހުނަރު ތަރައްޤީކުރުމަށްޓަކައި އެ މިނިސްޓްރީން އެކި މުނާޞަބަތުތަކާއި ގުޅުވައިގެން ތަފާތު ޕްރޮގުރާމުތައް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.