ރާއްޖޭގެ އެއްވެސް އާސާރީ ތަނަކަށްވެސް އަދި ދީނީ ޝިއާރަކަށްވެސް މިސަރުކާރުން މިހާތަނަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްތްކުރާތީ އެކަމާގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކަޅުވަކަރު މިސްކިތް ކުރިން ހުރީ ސަލްޓަން ޕާކް ލިލީމަގު ކަންމަތީގައެވެ. ނަމަވެސް ރަސްރަނި ބަގީޗާ ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ އެ މިސްކިތް ރޫޅާލުމަށްފަހު އެހެންތަނަކަށް ބަދަލުކުރުމަށް ހެރިޓޭޖް ޑިޕާޓްމަންޓާއި ހަވާލުކޮށްފައެވެ.
ރަސްރަނި ބަގީޗާގައި ތަރައްޤީކުރި ވިންޓަރ ޕާކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކަޅުވަކަރު މިސްކިތް ނައްތާލާފައިނުވާކަމަށެވެ. އަދި އެ މިސްކިތް އެންމެ އެކަށޭނެ ތަނަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ކުރިންވެސް ތިން ފަހަރެއްގެމަތިން އެ މިސްކިތް ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށްފައިވާކަން މިނިސްތަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެތައް މިސްކިތްތަކެއް މަރާމަތު ކުރައްވާ، އިތުރު މިސްކިތްތަކެއް ބިނާކުރައްވާފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިސްލާމް ދީނަށް ރައްޔިތުންގެ ހިތުގައި ލޯބި ޖައްސުވައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކަރުން ރާއްޖޭގެ އާސާރީ އަދި ދީނީ ޝިއާރަކަށް ދުވަހަކުވެސް ގެއްލުމެއް ދީފައެއްނުވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނާލާއިރު މިތަނުގައި ޕާކް ހެދިގެންގޮސްފައިވާއިރުގައި މިތާގެ ކަނުގައި މިސްކިތެއް ހުރުމަކީ މިސްކިތަށް އަދި ޕާކަށްވެސް އެހާ ގުޅޭކަމަކަށްނުވާނެ. އެހެންކަމުން އެ މިސްކިތަކީ ތާރީޚީގޮތުންވެސް އެތައްފަހަރަކު ބަދަލުކޮށްފައިވާ މިސްކިތަކަށްވާތީ އެންމެ ރަނގަޅުގޮތަކަށްވާނީ އެންމެ ރަނގަޅު އެހެން ދިމާލަކަށް އަނެއްކާވެސް ބެލެހެއްޓެނިވިގޮތަކަށް އެމިސްކިތް ރުޅާލައިގެން ގެންގޮސް އަލުން ބަހައްޓާ ރައްޔިތުންނަށް ބޭނުންތެރިގޮތަކަށް ހެދުން. އެހެންވީމަ އެކަމުގައި ތަޖުރިބާކާރުން މެދުވެރިވެގެން މިސްކިތްވަނީ ކުރީގައިވެސް ރުޅާލިގޮތަށް ރޫޅާލެވި މިހާރު ހެރިޓޭޖްގެ ބެލުމުގެ ދަށުގައި. ދެން ބަހައްޓަންޖެހޭ ތަނަށް ބަދަލުކުރުމަށްޓަކައި." މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ކަމުގެ ހަޤީގަތް އޮޅޭގޮތަށް ދައްކާ ވާހަކަތަކާމެދު ވިސްނާ އެފަދަ ދޮގު ވާހަކަތައް ޤަބޫލް ނުކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.