އަންނަ އާދިއްތަ ދުވަހުން ފެށިގެން "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަންނަ ގަޑިތައް އިތުރުކޮށްފިއެވެ.
އާދިއްތަ ދުވަހުންފެށިގެން ތިން ދަންފަޅިއަކަށް ބަހާލައިގެން ފޯމްތައް ބަލައި ގަންނަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން ހުކުރު ދުވަސް ނޫން ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އަށާއި ހަވީރު 16:00 އިން 18:00 ފޯމްތައް ބަލައިގަތުމަށް ވަނީ ނިންމާފައެވެ މީގެ އިތުރުން ރޭގަނޑު 20:00 އިން 23:00 އަށް ވެސް ފޯމު ބަލައިގަންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މާލޭގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމްތައްވެސް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މިގޮތުން އަންނަމަހުގެ 31 ގެ ނިޔަލަށް ފޯމުނެގުމާއި ބަލައިގަތުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހަމަޖެހިފައިވާނޭކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. މިހާތަނަށް ފޯމު ބަލައިގަންނަމުން ދިޔައީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރުފަހު 13:30އަށް އަދި ރޭގަނޑު 21:00 އިން 23:00އަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު ހިޔާގެ ފްލެޓްތަކަށް ފޯމް ބަލައިގަތުން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ހިޔާ މަޝްރޫޢުގައި 12 ކެޓަގަރީއަކަށް އަމާޒުކޮށްގެން 7000 ހައުސިންގ ޔުނިޓު އެޅުމަށް ހަމަޖެހިފައިވެއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުޅުވާލުމުން، ދަރުބާރުގެއިން އެކަނިވެސް ސާޅީސް ހާހަށްވުރެ ގިނަ މީހުން ފޯމް ނަގާފައިވެއެވެ. އަދި އޮންލައިންކޮށްވެސް ގިނަ އަދަދެއްގެ ފޯމް ޑައުންލޯޑްކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައި ހުންނަކަމަށާއި އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ޚާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް 3 ކައުންޓަރު ބަހައްޓާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ފޯމްތައް ބަލައިގަތުމަށް ނަމްބަރު ދޫކުރަނީ ކިއުބީ މެދުވެރިކޮށެވެ.