ޚަބަރު

ބ.ފެހެންދޫގައި ސިއްޙީ މަރުކަޒެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި


ރާއްޖޭގައި މިހާތަނަަށް ސިއްޙީ މަރުކަޒެއް ނެތް ހަމައެކަނި ރަށް ބ.ފެހެންދޫގައި ސިއްޙީ މަރުކަޒެއް އެޅުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެހެންދޫ ސިއްޙީ މަރުކަޒު އެޅުމަށް ހަވާލުކޮށްފައިވަނީ ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމާގުޅޭ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ވަޙީދެވެ.

އެއްބަސްވުމުގައި ވާގޮތުން ޢިމާރާތުގެ މަސައްކަތް 94 ދުވަހުގެ ތެރޭ ނިންމާ ހަވާލުކުރަންޖެހެއެވެ. މި މަރުކަޒުގައި ބަލިމީހުން ބަލާ ކޮޓަރިއަކާއި ބޭސްއަޅާ ކޮޓަރި އަކާއި އަދި އިންޖެކްޝަން ޖަހާ ކޮޓަރިއެއްގެ އިތުރުން ލޭބަރ ރޫމެއް ހިމެނެއެވެ. މީގެ އިތުރުން ބަލިމީހުން ބައި ތިއްބާ ވޯޑަކާއި އޮފީސް ބަޔަކާއި ސްޓޯރ ރޫމްގެ އިތުރުން ހޮސްޕިޓަލް ބޭނުންވާ މުހިއްމު ތަންތައް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ފެހެންދޫގައި އިމާރާތްކުރާ ސިއްޙީ މަރުކަޒަކީ ސަރުކާރުގެ ބަޖެޓުން އެއްމިލިޔަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ އިމާރާތެކެވެ.

މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ވިދާޅުވީ ފެހެންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާއިރު އެމަސައްކަތް ވަރަށް ގާތުން ބަލަމުންގެންދާނެކަމަށެވެ. އަދި މަސައްކަތް ލަސްވުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް މި ސަރުކާރުން ގެންނަމުންދާ އިންޤިލާބީ ބަދަލުތަކާއެކު މި މަޝްރޫއަކީވެސް މުހިއްމު މަޝްރޫއެއްކަން ފާހަގަކޮށް ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ވިދާޅުވީ މި ދައުރު ތެރޭގައި ސިއްހީ މަރުކަޒުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތްދޭން ފަށާނެކަމަށެވެ.

"ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތްދޭން ފަށާނެ. ރައީސް ޔާމިންގެ ސަރުކާރުގައި ސިއްޙީދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތައް ހޯއްދަވާދެއްވާ. މިގޮތުން ކޮންމެ ރަށެއްގައި ފާރމަސީއެއް ހުޅުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބުނު ފަސޭހަކަމެއް" ޙަސަން ރަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަނީ ދީފައިވާ މުއްދަތަށް ސިއްޙީ މަރުކަޒުގެ މަސައްކަތް ނިންމާ ހަވާލު ކުރާނެކަމުގެ ޔަޤީންކަން ސަރުކާރަށް ދީފައެވެ.

ބ.ފެހެންދޫއަކީ މިހާތަނަށްއައިއިރު ޞިއްޙީ ޚިދުމަތް ދޭނެ ޢިމާރާތް ނެތް ހަމައެކަނި ރަށެވެ. މި ރަށުގައި ޞިއްޙީ ޚިދުމަތް ދެމުން ދަނީ ކުއްޔަށް ހިފާފައިވާ ގެތަކުގައެވެ. މި ތަންތަނަކީ ސިއްޙީ ޚިދުމަތް ދިނުމަށް ހަދާފައިވާ ޢިމާރާތްތަކެއް ކަމަށް ނުވުމާއެކު ޚިދުމަތް ދިނުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަން ހެލްތް މިނިސްޓްރީން ފާހަގަ ކުރެއެވެ.

ފެހެންދޫގައި ޞިއްޙީ މަރުކަޒެއް ޢިމާރާތް ކުރުމުން ރައްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ޞިއްޙީ މަރުކަޒު ޤާއިމް ކުރެވިގެން ދާނެއެވެ.