ޚަބަރު

ގެޓް ސެޓް ލޯނަށް ފޯރމު ހުށަހެޅުމާއި ޓޯކަން ނެގުމުގެ ގަޑިތަކަށް ބަދަލުތަކެއް


ގެޓް ސެޓް ލޯނަށް ފޯރމު ހުށަހެޅުމާއި އެ ފޯރމުތައް ހުށަހެޅުމަށް ޓޯކަން ނެގުމުގެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ. އެމިނިސްޓްރީން ބުނީ ބަދަލުގެނެވުނު ގަޑިތަކަށް މާދަމާއިން ފެށިގެން ޢަމަލުކުރަންފަށާނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި ގެޓްސެޓް ލޯނުގެ ތިންވަނަ ބުރުގެ ފޯރމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތާވީހާއި އަށާވީސް ވަނަ ދުވަހު އެވެ.

ގެޓް ސެޓް ލޯނަށް ހުށަހެޅުމުގެ ފުރުޞަތު މި ޖޫން މަހު ހުޅުވާލާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ފޯރމު ބަލައިގަތުން ހެނދުނު ދިހައަކުން މެންދުރު ފަހު އެކަކަށް އަދި ހެނދުނު ދިހަ އަކުން މެންދުރު ފަހު 1 އަކާއި ހަމައަށް ޓޯކަން ދޫކުރުމަށް ކުރިން ކަނޑާއަޅާފައިވީނަމަވެސް މާދަމާއިން ފެށިގެން ޚިދުމަތްދޭނީ މިއަދު ގަޑިތަކައްގެނައި ބަދަލާއި އެއްގޮތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެގޮތުން މިއަދު ގެނައި ބަދަލާއެކު ލޯނަށް އެދޭ އެޕްލިކޭޝަން ފޯރމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މެންދުރު ފަހު އެކަކުން ފެށިގެން ހަވީރު ފަހަކަށެވެ. އަދި ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު ދިހަ އަކުން ފެށިގެން މެންދުރު ފަހު ދެ ގަޑި ސުންމިނެޓާއި ހަމައަށްކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ދޫކުރާ ހުރިހާ ޓޯކަން ނަންބަރުތަކަށް އެދުވަހަކު ކަނޑައެޅިފައިވާ ގަޑިތަކުގައި ޙިދުމަތް ދޭނެކަމަށާއި ކޮންމެ ޓޯކަން އަކަށްވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ގެޓްސެޓް ލޯނުގެ ފޯރމް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގެ ޢިމާރާތުގެ ކައުންޓަރުތަކުން ކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ގެޓް ސެޓް ލޯނަކީ އުމުރުން އަށާރަ އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްޞަ ކޮށްގެން މި ސަރުކާރުން ޒުވާނުން މާލީ ގޮތުން ބާރުވެރިކުރުމަށާއި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ. މި ލޯނަށްއެދި ހުށަހަޅާއިރު ތިން ލައްކަ ރުފިޔާ އާއި 8 ލައްކަ ރުފިޔާ އާއި ދެމެދުގެ ބިޒްނަސް ޕްރޮޕޯސަލެއް ހުށަހަޅަންޖެހެއެވެ.
މި ލޯނުގެ ތިން ވަނަ ބުރުގެ ފޯރމުތަށް ދޫކުރަން ފަށާފައިވަނީ ވޭތުވެދިޔަ މެއި މަހުގެތެރޭގައެވެ.
2018 ވަނަ އަހަރު މި ލޯނަށް ބަޖެޓުގައި ސާޅީސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެތެރޭގައި ހަތްދިހަ އެއް ފަރާތަކަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ގެޓް ސެޓް ލޯނު ދޫކޮށްފައެވެ. މި ލޯނު ޕްރޮގުރާމަށް ދިވެހި ޒުވާނުން ގެ މެދުގައި ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.