ޚަބަރު

މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީއާއެކު ރާއްޖެއިން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި


ދިވެހި ރާއްޖޭގެ ޞިއްޙީދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތައް ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތްތައް ނެތުންކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި، މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއި ކުރުމަށް ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ގާތްވެފައިވާއިރު، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ޑޮކްޓަރުންނާއި އެހެނިހެން ފަންނީ ބޭފުޅުން ބޭނުންވާކަމަށެވެ.

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަޞީލަތްތައް މަދުވުންކަމަށާއި، ސިއްޙީ ނިޒާމަށް ދިމާވެފައިވާ މި ގޮންޖެހުން ނައްތާލުމަށްޓަކައި މިހާރުގެ ސަރުކާރު ގެ ސިޔާސަތު ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރަނގަޅު އެކްޝަން ޕްލޭނެއްގެ ދަށުން މިކަން ޙައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީއާއެކު ވެވުނު އެއްބަސްވުމުގެދަށުން އެ ޔުނިވަރސިޓީ ގައި ދިވެހި ދަރިވަރުންނަށް ޑޮކްޓަރީކަން ކިޔެވުމުގެ މަގު އިތުރަށް ފަސޭހަވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި، މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީއާ ދެމެދު އެއްބަސްވެވުނު އެމް.އޯ.ޔޫގެ ދަށުން އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ސަބް ސްޕެޝަލްޓީތަކައް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށާއި ޑޮކްޓަރުންނަށް ފަހިވެގެންދާނެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ޤާއިމްކުރާ މެޑިކަލް ސްކޫލް ގެ ކިޔެވުން ފެށުމާއިއެކު، އެސްކޫލަށްވެސް ކެބަންގްސާން ޔުނިވަރސިޓީގެ އެހީތެރިކަން ލިބިގެންދާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި، މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއި ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރައްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމެވެ. އަދި މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސިޓީގެ މެޑިކަލް ފެކަލްޓީ ގެ ޑީން، ޕްރޮފެސަރ ޑރ.ޒުލޭހާ ޢަބްދުﷲ މަހްދީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމމަށްފަހު ޕްރޮފެސަރ ޑރ.ޒުލޭހާ ޢަބްދުﷲ މަހްދީ ވިދާޅުވީ ދިވެހި ރާއްޖެއާއެކު މިފަދައެއްބަސްވުމަކަށް އާދެވުމުން އެކަމާ އުފާ ކުރައްވާކަމަށެވެ. މިއީ ދިވެހި ރާއްޖެއާއެކު ދެމެހެއްޓެނިވި ގުޅުމެއް ޤާއިމުކުރުމުގެ ފެށުމުގެ ގޮތުގައި ޕްރޮފެސަރ ފާހަގަކުރެއްވިއެވެ.

ޔުނިވަރސިޓީ އޮފް ކެބަންގްސާންގް އަކީ މެލޭޝިއާއަކީ މެޑިސިންގެ ދާއިރާއިން ތަޢުލީމު އުގަންނައިދިނުމުގައި ނަން މަޝްހޫރު ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގގެ ދަށުން ޚާޢްޞަ ހޮސްޕިޓަލެއްވެސް ހިންގައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި، މެލޭޝިއާގެ ކެބަންގްސާން ޔުނިވަރސިޓީ އާއި ދެމެދު އެބަސްވެވުނު މި އެމް.އޯ.ޔޫ ގެ ސަބަބުން ދިވެހި ސަރުކާރާއި އެ ޔުނިވަރސިޓީއާއި ދެމެދު އޮންނަ ގުޅުން އިތުރުށް ބަދަހިވެ، ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ގިނަ ފުރުޞަތު ތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ.