ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ޗައިނާ އާއި ރާއްޖެއިން އެއްބަސްވެއްޖެ


ފަތުރުވެރިކަމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ހަރުދަނާކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް ޗައިނާ އާއި ރާއްޖެ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކެރެޓަރީ ޖެނެރަލް އަޙްމަދު ނަޒީރުއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެސޯސިއޭޝަން އޮފް ޓްރެވެލް ސަރވިސްގެ ސެކެރެޓަރީ ޖެނެރަލް ސުން ގުއިޒަން އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ދެ ޤައުމުގައި ހުރި ފުރުސަތުތައް ދެނެގަނެ އެކިއެކި މަޝްރޫއުތައް ހިންގުމާއި މަޢުލޫމާތު ބަދަލުކޮށް ތަމުރީންތައް ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަތުރުވެރިންނަށް ދިމާވާ އެކި ކަހަލަ ހާދިސާތައް މަދުކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކެރެޓަރީ ޖެނެރަލް އަޙްމަދު ނަޒީރު ވިދާޅުވީ މި އެއްބަސްވުމަކީ ޗައިނާއާއި ރާއްޖެއާ ދެމެދު ފަތުރުވެރިންގެ ޙާލަތު ހަރުދަނާކޮށް ދިގު މުއްދަތަކަށް ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއްކަމަށެވެ. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްޤައުމަށްވެފައި ރާއްޖޭގެ މޫސުން ރަނގަޅަށް އޮޅުންފިލުވައިދީ ރާއްޖޭގެ ވެށި ޗައިނާގެ ފަތުވެރިންނަށް ކިޔާދިނުމަށްވެސް މި އެއްބަސްވުމުގައިވެއެވެ. ނަޒީރު ވިދާޅުވީ މި އެއްބަސްވުމުގައި ހިމަނާފައިވާ ކަންތައްތައް އެކަށީގެންވާ ގޮތުގެ މަތިން ކުރިއަށްދާނަމަ ޗައިނާގެ ފަތުރުވެރިން އިތުރުވެގެންދާނެކަމަށެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ މަޢުލޫމާތުތަކާއި އެމީހުންގެ ބޭނުންތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޗައިނާގެ އިންވެސްޓަރުން ރާއްޖެ ގެނެސް ފަތުރުވެރިކަމުގެ ސަލާމަތީކަންކަމުގެ މަޢުލޫމާތު ދީ ފަތުރުވެރިން ހޭލުންތެރިކުރުމަށް ހަމަޖެހިފައިވެއެވެ.