ޚަބަރު

ރާއްޖެއަށް އަންނަ ތަރައްޤީ އާއި ކުރިއެރުންތަކުގެ "ހަޤީގީ ބާނީ"އަކީ ރައީސް ޔާމީން: ޑިފެންސް މިނިސްޓަރ



ރާއްޖެއަށް އަންނަ ތަރައްޤީ އާއި ކުރިއެރުންތަކުގެ"ހަޤީގީ ބާނީ" އަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ލ.ފޮނަދޫ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު ވަނީ "އޭ ޕްލަސް" ރިޕޯޓްއެއް ހޯއްދަވައި އެންމެން ފަޚުރުވެރިވާ ލީޑަރަކަށް ވެވަޑައިގެންފައި ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ތަރައްޤީއަށް ލޯބި ކުރާ ހުރިހާ އިދިކޮޅު ފަރާތްތަކާއި ދީނީ ޢިލްވުރެރިންގެ ވޯޓްވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ހުރިހާ އެންމެން އަތް ގުޅާލައިގެން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން މަސައްކަތް ކުރަން ޖެހޭ. އުންމީދު ކުރަނީ އަދި ޔަގީން ކުރަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ނިސްބަތުގައި މިފަހަރު ފޮނަދޫ އަކީ އެއްވަނަ ހޯދާނެ އަހަރަކަށް ވެގެންދާނެ ކަމަށް. އިދިކޮޅު ފަރާތްތަކުގެ ދުވެލި ހުރި ގޮތާއި އަދި އެ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުގެ ތެރޭގައިވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ މީހުން ތިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޕީޕީއެމްއިން ލ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ފަސް އަހަރު ފޮނަދޫ ދާއިރާއަށް ވަނީ އެތައް ތަރައްޤީއެއް ލިބިފައިކަމަށެވެ. އަދި މި ތަރައްޤީ ދެމެހެއްޓުމަށް ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ފޮނަދޫ ރައްޔިތުން ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރަންޖެހޭކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.