ޚަބަރު

އިންތިޚާބަށް ނޫސްވެރިން ތަމްރީނުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގަނީ


ރިޔާސީ އިންތިޚާބަށް ނޫސްވެރިން ތަމްރީނުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙްމަދު އަކުރަމް ވިދާޅުވީ، އިންތިހާބުގެ ކަންކަން ހިނގަމުންދާގޮތް އެންމެ ގާތުން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެގޮތުން މީޑިއާތަކަށް ޚާއްސަކުރެވިގެން ރިޔާސީ އިންތިޚާބާ ދިމާކޮށް ނޫސްވެރިން ތަމްރީނުކުރުމަށާއި މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އިންތިހާބުތަކާއި އިންތިހާބަށް ހޭލުންތެރި ބައެއްގެ ގޮތުގައި ނޫސްވެރިން ހެދުމަށް ބޭނުންވޭ. ނޫސްވެރިންނަކީ އިންތިހާބުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ފަރާތް. ކޮންމެ އިންތިހާބަކަށްވެސް ނޫސްވެރިންނަށް މައުލޫމާތުދީ ނޫސްވެރިން ތަމްރީނުކުރަން އެބަޖެހޭ. ޕްރޮގްރާމު ބައްޓަން ކުރެވިގެންދާނީ ނޫސްވެރިންނަށް އިންތިހާބުގެ ކަންކަން ކަވަރުކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް،" އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމު ވިދާޅުވިއެވެ.

އަކުރަމު ވިދާޅުވީ މީޑިއާތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމް ބާއްވާނީ ހުރިހާ މީޑިއާއަކަށްވެސް ފަސޭހަ ވަގުތެއްގައި އެކަމަށް މީޑިއާތަކުން އެދުމުން ކަމަށެވެ. އެހެންކަމުން މީޑިއާތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނެ ނޫސްވެރިންގެ އަދަދާއި ދުވަހެއް އެންގުމުން ޕްރޮގްރާމު ފެށޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު، އެކޮމިޝަނުން ދަނީ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނާއި މޮނިޓަރުން ހޯދައި ތަމްރީނު ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.