ޚަބަރު

އައިޔޫއެމްގެ ޗާންސެލަރުގެ މަޤާމުން އިސްތިއުފާ ނުދެއްވުމަށް ޑރ. ޝަހީމް ނިންމަވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ޗާންސެލަރުގެ މަޤާމުން އިސްތިއުފާ ނުދެއްވުމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް ޢަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް ވިދާޅުވީ މަޤާމުން އިސްތިއުފާ ނުދެއްވާނެކަމަށާއި އަދި އެކަމާއި ގުޅިގެން އެޓާރނީ ޖެނެރަލްގެ ލަފާ ހޯއްދަވާފައިވާ ކަމަށެވެ. ހަމައެއާއެކު އިސްތިއުފާ ދެއްވަންޖެހޭ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް ނެތްކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއަދުގެ ވަގުތެއްގައި އައިޔޫއެމް އަށް ވައިސް ޗާންސެލަރަކު އައްޔަންކުރާނެކަމަށާއި އެއާއެކު ޔުނިވަރސިޓީ ހިންގުމުގެ މަސްއޫލިއްޔަތު ވައިސް ޗާންސެލަރާ ހަވާލުކުރާނެ ކަމަށެވެ. އަދި ޗާންސެލަރުގެ ދައުރަކަށް ވާނީ އެޑްވައިޒަރީ ރޯލެއްކަމަށެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކެމްޕޭނަށް އެއްވެސް ހުރަހެއް ނެތް. އައިޔޫއެމްއަކީ ރައީސް ޔާމީންގެ ވަރަށް މުހިންމު މަޝްރޫއެއް. އެހެންކަމުން އެމަޝްރޫއު ކުރިއަށްގެންދިއުމުގައި ދެމިހުރުމަށް ރައީސް ވަނީ އަޅުގަނޑަށް އިލްތިމާސްކުރައްވާފަ" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުން ޕީޕީއެމްއަށް ކާމިޔާބު ލިބުނު ނަމަވެސް އެމަނިކުފާނަށް ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އައިޔޫއެމް ހިންގުމުގެ ޒިންމާވެސް ހިމެނޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

ޑރ. ޝަހީމް ވަނީ ސަޢުދީ އަރަބިއްޔާގެ އެހީގައި އައިޔޫއެމްގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ދެއްވާފައެވެ.