ޚަބަރު

ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސް ބާއްވާނީ ޤައުމީ ޔުނިވަރސިޓީން


އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސް ބޭއްވުމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ ޕީ.އެސް.އެމް އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެގައި ސޮއިކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކުރާ "އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018 އާއި މެނިފެސްޓޯ ބަހުސް 2018" ގެ މީޑިއާ އަދި މާކެޓިންގ ޕާޓްނަރުގެ ގޮތުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފުއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ.

މިފަހަރުގެ ރިޔާސީ ބަހުސަކީ އިލްމީ އަދި ހުރިހާ ގޮތަކުންވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށްޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެނޑިޑޭޓުންނާއި ގުޅުންހުރި ކަންކަމުގެ މުޢާމަލާތު ކުރުމާއެކ،ު ބަހުސް ހުށައަޅާނެ ފަރާތެއްވެސް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމައްފަހު ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދިވެހި ކޮންމެ ރައްޔިތަކުވެސް ދޭ ވޯޓަކީ ވަރަށް ދިރާސާ ކުރެވިގެން ކެނޑިޑޭޓުންގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގިގެން ދޭ ވޯޓަކަށް ހެދުމަކީ ޤައުމީ ޔުނިވަރސީޓީއަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ ބަހުސަށްވެސް ޤައުމީ ޔުނިވަރސީޓީން އިލްމީ މުހިންމު މަސައްތްތަކެއް ކުރެއްވިކަން ފާހަގަކުރައްވަމުން ޑރ. ފަވާޒް ވިދާޅުވީ، މިފަހަރުގެ ރިޔާސީ ބަހުސް އާއި މެނިފެސްޓޯ ބަހުސް ކުރިއަށް ގެންދިއުމަށް ޔުނިވަރސީޓީގެ ހުރިހާ ބޭފުޅުން ހިމެނޭގޮތަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

"މިއަހަރުވެސް އަޅުގަނޑުމެންގެ ތެރޭގައި މި މަސައްކަތް ކުރުމަށް ވަރަށް އިލްމީ ބޭފުޅުންކޮޅެއް އެކުލަވާލެވި، އަދިހަމަ މުޅި ޔުނިވަރސިޓީގެ ހުރިހާ ބޭފުޅުންނަވެސް ބައިވެރިވެވޭ ގޮތަށް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރިވިގެންދާނެ، ސުވާލުތައް އެކުލަވާލުމާއި ބަހުސް ކުރިއަށް ގެންދިއުމުގެ މަސައްކަތްތުގައި. ހަމައެއާއެކު ވަރަށް އިލްމީ ނަޒަރަކުން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެގޮތް މަގުފަހިކޮށްދިނުމައްޓަކައި." ފަވާޒް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޕީ.އެސް.އެމުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް މުހިންމު އަދި ބޮޑެތި ޕްރޮގްރާމްތަކާއި ޝޯތައް ގެނެސްދިނުމަށްކަމަށާއި، ކުރީގެ ރިޔާސީ އިންތިޚާބުތަކާއި ގުޅިގެން ބޭއްވި ރިޔާސީ ބަހުސްތަކާއި ތަފާތުކޮށް މިއަހަރުގެ ރިޔާސީ ބަހުސް އާއި އިންތީޚާބާއި ގުޅޭ ޕްރޮގްރާމްތައް ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ގެނެސްދެނީ އިލްމީ ގޮތުން އޮއްޓަރު ހުރި ތަފާތު ޕްރޮގްރާމްތަކެއްގެ ގޮތުގައިކަމަށެވެ.

" ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ރިޔާސީ ބަހުސާއި، ރަނިންގ މޭޓުންގެ ބަހުސާއި އަދި ދެފަރާތުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތައް ވާނަމަ ކޮންމެ ފަރާތަކުންވެސް ހުށައަޅާ ރައްޔިތުންނާ ހަމައަށް ގެންނަ އެޖެންޑާ ނުވަތަ މެނިފެސްޓޯގައި ހުރި އިލްމީ ހަޤީގަތްތަކަކީ ކޮބާތޯވެސް ދެނެގަނެ، މިއަދުގެ ރާއްޖެއާ ދުނިޔޭގެ ހަގީގަތްތަކަކީވެސް ކޮބައިތޯ ދެނެގަނެ، އަޅުގަނޑުމެން ކުރިމަތީގައި އެކި އެކި ކެނޑިޑޭޓުން ހުށައަޅަފައި ހުންނަ ހުށައެޅުންތައްކާއި މިއަދުގެ ދުނިޔޭގެ ހަޤީގަތްތަކާ ގުޅިފައިހުރީ ކިހާ މިންވަރަކަށްތޯ ދެނެގަނެ، އެކަންތައްތައް ޓީ.ވީ ރޭޑިއޯ ޕްރޮގްރާމްތަކެއްގެ ސިފައިގައި އެބޭބޭފުޅުންނަށް ކުރިމަތިކުރެވޭ ސުވާލުތަކެއްގެ ސިފައިގައި ޖަވާބުތައް ގެނެސްދިނުމަށް." ހަލީލް ވިދާޅުވިއެވެ.

މި ފަހަރުގެ ރިޔާސީ ބަހުސް ގެނެސް ދިނުމަށް މަސައްކަތްކުރަމުންދަނީ ތިން ފިޔަވައްސަކަށެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި މެނިފެސްޓޯ ބަހުސް ބާއްވާއިރު ރަނިންގ މޭޓުންގެ ބަހުސް ގެނެސްދޭނީ ސެޕްޓެންބަރު މަހުގައެވެ. އަދި އެންމެ މުހިންމު ބަހުސް ކަމުގައިވާ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސް ގެނެސްދޭނީ އިންތިޚާބުގެ 10 ވަރަކަށް ދުވަސްކުރިންނެވެ.