ޚަބަރު

ޑިފެންސް މިނިސްޓްރީގެ މަސައްކަތަކާމެދު ޢާންމުން ހިތްހަމަޖެހޭ - ޑިފެންސް މިނިސްޓަރ


ޑިފެންސް މިނިސްޓްރީއާ އެމިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާތަކުގެ މަސައްކަތް އެއް އަހަރުން އަނެއް އަހަރަށް ހަރުދަނާވެ، އެތަންތަނާމެދު މީހުންދެކޭގޮތް ރަނގަޅުވެފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޑިފެންސް މިނިސްޓްރީން 2018 ވަނަ އަހަރަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކުރަން ރާވާފައިވާ މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވި ރިވިއު ބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެމިނިސްޓްރީއާ މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާތަކުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާކަން އާންމު ފަރާތްތަކުން ޤަބޫލުކުރާކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ހަލުއިކަމާއެކު ފޯރުކޮށްދިނުމަށް އެމިނިސްޓްރީން ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރާކަމަށާއި، މިކަމުގައި ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަމަށެވެ.

ކޮންމެ އަހަރަކަށްވެސް ކަނޑައަޅާ ޕްލޭންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް، މަސައްކަތުގެ އަޚުލާގު ރަނގަޅުކުރުމާއި، އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހާކަންކަން ބެލެހެއްޓުމުގެ އިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުވެސް ހިންގަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުންނެވެ.