ކަނޑަށް ވެއްޓި ގެއްލުނު މިހާ ހޯދުމަށް ޑައިވިން ރޮބަޓް ބޭނުންކުރަން ފަށައިފިއެވެ. އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރިއަށް މިދިޔަ ހުކުރު ދުވަހު ފާނައިގެ މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓިގެން ހޯދަމުން އަންނަނީ ފ. ބިލެތްދޫ އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަސީރުއެވެ.
އެމްއެންޑީއެފުން ބުނީ ޢަބްދުﷲ ނަސީރު ހޯދުމުގައި އެމް.އެންޑީ.އެފް ގެ ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން އެ މަސައްކަތުގައި ޑައިވި ރޮބޮޓްގެ ބޭނުން ހިފަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގައި އ.ދ ދިގުރަށަށް ނިޞްބަތްވާ ހުރިހާ ޑައިވިންގް ސެންޓަރުތަކާއި އ.ދ ވިލަމަންދޫ ޑައިވަރުންގެ އިތުރުން އދ. މަހިބަދޫ ފުލުހުންގެ މަރުކަޒުންވެސް އެހީތެރިކަން ދެމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން ލިލީ ބީޗާ ރިސޯޓާއި ވިލަމަންދޫ އަށް ނިޞްބަތްވާ އޮކްސިޖަން ރީފިލް ކުރާ 2 ބޯޓު ވެސް މި މަސައްކަތުގައި ބައިވެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދާ ޢަބްދުﷲ ނަޞީރު ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެއްކަމަށް އެމްއެޑީއެފް ކޯސްޓަގާޑުން ބުނެއެވެ.
މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑިއެފުން ވަނީ އިލްތިމާސްކުރެއެވެ.