 
										
			ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗަށް ދީފިއެވެ. 
މުބާރާތުގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އޭނާ އޭނާއަށް ލިބުމުން ރަންބޯޅަ ހަވާލުކުރީ ރޭ ނިމުނު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. 
"އަހަރެން ޝުކުރުވެރިވަން މިއިނާމް އަހަންނަށް ދިނުމުން. އެކަމަކު ހަޤީގަތަކީ އަހަރެން ބޭނުންވީ މިއިނާމެއްނޫން. އަހަރެން ބޭނުންވީ މުބާރާތުގެ ތަށި ހޯދަން. އަހަރުމެންނަށް މިއަށްވުރެ ބޮޑު އިނާމެއް ހައްޤު،" މޮޑްރިޗް ބުންޏެވެ. 
އޭނާއަށް ރަންބޯޅަ ލިބުނުއިރު ރިހިބޯޅަ ލިބުނީ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށެވެ. ތިން ވަނަ ފްރާންސްގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒަމަން އަށެވެ. 
މޮޑްރިޗް ބުނީ ކްރޮއޭޝިޔާއަށް ވަރލްޑް ކަޕުގެ ދެ ވަނަ ލިބުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. 
"މިއީ މި ޤައުމަށް ބަލާއިރު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެކަމަކު މުބާރާތުގައި އަހަރުމެން އެންމެ ބޭނުންވި އިނާމަކީ ތަށި. ވަރަށް ކުދިކުދި ކަންތައްތަކެއް ގޯސްވެގެން އަދި ނަސީބުވެސް ނަތިގެން އަހަރުމެން ބަލިވީ،" ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ބުންޏެވެ.