ޚަބަރު

ގެއްލުނު މީހާ ވައިގެ މަގުން ހޯދަން ފަށައިފި


މަސްވެރިކަންކުރަން ނުކުމެ އުޅެނިކޮށް ކަނޑަށްވެއްޓި ގެއްލުނު މީހާ ވައިގެމަގުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރިއަށް މިދިޔަ ހުކުރު ދުވަހު ފާނައިގެ މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓިގެން ހޯދަމުން އަންނަނީ ފ. ބިލެތްދޫ އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަސީރުއެވެ.

އެމްއެންޑީއެފުން ބުނީ ޢަބްދުﷲ ނަސީރު ހޯދުމުގައި އެއާރ ޓެކްސީ ބޭނުންކޮށްގެން ވައިގެ މަގުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެސަރަޙައްދުގެ އޮއިވަރަށް ބަލައިގެން ކަނޑުގެ ސާފޭސް ބެލުމާއި ޑައިވަރުން މެދުވެރިކޮށްގެންވެސް އެސަރަޙައްދު ބަލަމުންދާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފާއި ޕޮލިހުން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކުރަމުންދާ ކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް ވައިގެ މަގުން މަސައްކަތް ފަށާފައިވާއިރު، އެމްއެންޑީއެފްއިން އިއްޔެ ވަނީ އެމީހާ ހޯދުމަށް ޑައިވިން ރޮބަޓް ބޭނުންކުރަން ފަށާފައެވެ.

ޢަބްދުﷲ ނަސީރު ކަނޑަށް ވެއްޓުނު އިރު، އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެކެވެ.