ފ. ނިލަންދޫގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ ބައެއް މަސައްކަތަކަށް އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) ފަންޑުން ޚަރަދުކުރާގޮތަށް ހަމަޖައްސައިފިއެވެ.
އެއަރޕޯޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އޯފިޑުން ރާއްޖެއަށް ދިން 40 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. ދަޢުލަތުގެ ބަޖެޓުން ދުއިސައްތަ އެއްމިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެ ހެދުމަށް ހަމަޖެހިފައިވާ މި އެއަރޕޯޓަށް އޯފިޑުން 6.5 މިލިޔަން ޑޮލަރު ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.
އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓުން ރާއްޖެއަށް ދިން 40 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމާފައެވެ. މިކަން ހާމަކުރުމަށްބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އަމާޒަކީ ރާއްޖޭގެ ކޮންމެތަނަކުންވެސް ފަސޭހަކަމާއެކު ވައިގެ ދަތުރުތައް އިންތިޒާމްކޮށް ދިނުންކަމަށެވެ.
އަދި ނިލަންދޫގައި އެއަޕޯޓެއް އެޅުމަކީ ރައީސްގެ ތަޞައްވުރުގައި އިސްކަމެއްދީގެން ކުރައްވާ މަސައްކަތެއްކަމަށާއި މިކަމަކީ ރައްޔިތުން ނުހަނު ބޭނުންވެފައިވާކަމެއްކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމާއި ބިން ހިމާޔަތްކުރަންޖެހޭ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި ފަންޑުގެ ދަށުންނެވެ.
ނިލަންދޫގައި އެއަޕޯޓް އެޅުމަށް މީގެ ކުރިން ވަނީ މެލޭޝިޔާގެ ގްރީޕޮން އެނަރޖީއާއެކު އެއްބަސްވެފައެވެ. އެ ކުންފުނިން މި މަސައްކަތާ ހަވާލުވީ އެގްޒިމް ބޭންކް މެދުވެރިކޮށް ލޯން އެހީ ހޯދައިގެން މަސައްކަތް ކުރިއަށްގެންދާގޮތަށެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކުންފުންޏަށް ފައިނޭސް ހަމަޖެއްސިފައިނުވާތީ ސަރުކާރުން އެކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާތިލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.