ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްދިނުމަށް ހަމަޖައްސާފައިވާ ތަންތަން އިޢުލާނުކޮށްފިއެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު (މާދަމާ) ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުއްދަތު ހަވާނީ އޮގަސްޓު މަހުގެ އެގާރަވަނަ ދުވަހުިގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރަޖިސްޓްރީކުރުމަށް ފޯމާއެކު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހޭނެ ކަމަށެވެ.
ރި-ރަޖިސްޓްރީ ކުރުމަށް ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 03:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިޚާބީ މަރުކަޒަށާއި، އަތޮޅުތަކުގައި ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށެވެ.
ހުޅުމާލޭގައިނަމަ ހުޅުމާލޭ ޔޫތު ސެންޓަރުގެ އެއްވަނަ ފަންގިފިލާއިން އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ޤާއިމުކުރާ މޯބައިލް ސްޓޭޝަނުންވެސް ރީރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.