ޚަބަރު

ޑިސްއެބިލިޓީ ކައުންސިލުގެ އިންތިޚާބު އޯގަސްޓު 27 ގައި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ކައުންސިލް (ޑިސްއެބިލިޓީ ކައުންސިލް)ގެ އިންތިޚާބު އަންނަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ނިންމައިފިއެވެ.

ޑިސްއެބިލިޓީ ކައުންސިލުގެ ގޮނޑިތަކުގެ ތެރެއިން ހުސްވެފައިވާ ނަފުސާނީ ބަލިތަކުގެ ޞިއްޙީ ޚިދުމަތްތެރިން ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލުމަށް ޖެންޑަރ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި 5 ފަރާތަކުން މެންބަރުކަމަށް ކުރިމަތިލާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ދަނީ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ތަރުތީބުކޮށް، އަންނަ އޯގަސްޓުމަހުގެ 27 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މީގެ އިތުރުން އިންތިޚާބު ކުރިޔަށްދާގޮތް އޮބްޒާރވް ކުރުމުގެ ފުރުޞަތު ޢާއްމު ފަރާތްތަކަށާއި އޮބްޒާރވަރުން ގެ ގޮތުގައި ޙަރަކާތްތެރިވާން އެދޭ މީޑިއާތަކަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމުގެ ކަންކަން ކުރިޔަށްދާގޮތް އޮބްޒާރވްކުރަން ބޭނުންވާ ފަރާތްތަކުންނާއި މީޑީއާތަކުން، ވޯޓުލުމަށް ކަނޑައަޅާފައިވާ ދުވަހުގެ ހަފްތާއެއް ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ލިޔުމުން އެންގުމުން އެކަން ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ޑިސްއެބިލިޓީ ކައުންސިލުގެ އިންތިޚާބުގައި ވޯޓުދެވޭނީ މޯލްޑިވްސް އެލައިޑް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ގެ 14:00 އާއި ހަމައަށް އިންތިޚާބުގައި ވޯޓުލުމަށް ނަންނޯޓުކުރުމުގެ ފުރުޞަތު މިނިސްޓްރީންވަނީ ހުޅުވާލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 11:00އާއި ހަމައަށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫން ނަންބަރު 08/2010 ) ގެ ފަސްވަނަ މާއްދާ ގެ (ހ) ގެ ދަށުން ނަފްސާނީ ބަލިތަކާއި ބެހޭ ޞިއްޙީ ޙިދުމަތްތެރިން ގެ ތެރެއިން، އެމީހުން އިންތިޚާބު ކުރާ މެންބަރަކު އެ ކައުންސިލު ގައި ހިމެނުން ލާޒިމްކުރެއެވެ.