ޚަބަރު

ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ދަރަވަންދޫ ސްކޫލްގައި ހުޅުވައިފި


ހޮސްޕިޓަލިޓީ ދާއިރާއިން ޢަމަލީ ތަޖްރިބާ ހޯދައިދިނުމަށް ރާއްޖޭގެ ސްކޫލެއްގައި ޤާއިމުކުރި ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ބ.ދަރަވަންދޫ ސްކޫލްގައި ހުޅުވައިފިއެވެ. ދަރަވަންދޫ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓަރ ޒޫޝާން ކަމާލުއްދީނާއި، މި ލެބް ހެދުމަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ފަރާތް ކަމަށްވާ ދުސިތް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ރެއިނޯލްޑް ޖޮހާންއެވެ.

ބީޓެކް ސްޓްރީމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ތަޢުލީމު ދިނުމުގެ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށްޓަކައި ތަޢާރަފު ކޮށްފައިވާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ 4 ވަނަ ސްޓްރީމްގެ ގޮތުގައި ބީޓެކް ސްޓްރީމް ތަޢާރަފު ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

ރާއްޖޭގެ ސްކޫލެއްގައި ޤާއިމްކުރި ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ދަރަވަންދޫ ސްކޫލްގައި ހުޅުވާފައިވާއިރު މި ލެބް ހަދާފައިވަނީ ރިސޯޓް ތަކުގެ ޑިޕާޓްމަންޓްތައް ފެންނަ ފަދަ ގޮތަކަށް އެތަނުގައި ކްލާސްތައްވެސް ނަގައި ދެއްވޭނެ ގޮތަކަށެވެ.
މި ލެބްގެ މަސައްކަތްކުރުމަށް ގާތްގަނޑަކަށް ދޮޅުލައްކަރުފިޔާ ޚަރަދުކޮށްފައިވާއިރު މިލެބް ޤާއިމް ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ދުސިތް ތާނީ މޯލްޑިވްސް އިންނެވެ. މިގޮތުން ފަސްހާސް ހަތްސަތޭކަ ޑޮލަރު ދެއްވައި އަދި އެތަނަށް ބޭނުންވާ ގިނަ ތަކެތި ފޯރުކޮށްދެއްވާފައިވާކަމަށް ދަރަވަންދޫ ސްކޫލުން ބުނެއެވެ. މީގެ އިތުރުން އެ ލެބަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި އެއަރކޮންޑިޝަން އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދީފައިވާއިރު މިތަން ހެދުމުގެ އިތުރު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ސްކޫލުގެ ޕީ.ޓީ.އޭއާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.

މި ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓަރ ޒޫޝާން ކަމާލުއްދީން ވިދާޅުވީ މިޕްރޮޖެކްޓަކީ ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭފަދަ އަގުހުރި މަސައްކަތެއް ކަމުގައެވެ. ބީޓެކަކީ ކިޔެވުމަށް ދަށް ކުދިން ބައިވެރިވާ މާއްދާއެއް ކަމަށް ބައެއް ފަރާތްތަކުން ދެކެމުންއައި ދެކުން މިހާރު ބަދަލުވެފައިވާ ކަމަށާއި ބީޓެކް ދަރިވަރުން މިހާރު ހޯދަމުންދާ ކާމިޔާބީ މިކަމުގެ ހެއްކަކަށް ފުދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިލެބްގެ ސަބަބުން ދަރިވަރުންގެ ކުރިއެރުމަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޒޫޝާން ވިދާޅުވިއެވެ.

ދަރަވަންދޫ ސްކޫލްގެ ޕްރިންސްޕަލް މުޙައްމަދު ނާސިޙް ވިދާޅުވީ މި ލެބްގެ ޒަރިއްޔާއިން ރިސޯޓެއްގައި ޢާއްމުކޮށް ކުރާ ހުރިހާމަސައްކަތެއް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށެވެ. ނާސިހް ވިދާޅުވީ މި ލެބަކީ ބީޓެކް ކިޔާވާ ދަރިވަރުން ޢަމަލީ ތަޖްރިބާ ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމާގުޅިގެން އެކަމަށް ލުޔެއް ގެނައުމުގެ ގޮތުން ޤާއިމްކޮށްފައިވާ ލެބެއްކަމަށާއި އަމިއްލަ ރަށުގައި ތިބެ ޢަމަލީ ތަޖްރިބާ ހޯދުމަށް ފަހިކޮށްދިން ފުރުޞަތެއްކަމަށެވެ.

ދަރަވަންދޫ ސްކޫލްގައި 170 ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު 13 ދަރިވަރުންނަކީ ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުންނެވެ.
ރާއްޖޭގެ ސްކޫލްތަކުން މިހާރު ހިންގަމުންދާ އިނގިރޭސި ވިލާތުގެ ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް – ބީޓެކް މި މާއްދާއިން ދަރިވަރުން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ބީޓެކް ދަރިވަރުން ފުރަތަމަ ފަހަރަށް ސާނަވީ އިމްތިހާންތަކުން ރާއްޖޭގެ ނިސްބަތުން އެންމެ މަތީ 10 ވަނައިގައި މިއަހަރުވަނީ ހިމެނިފައެވެ.
މީގެ އިތުރުން ބީޓެކް މާއްދާތަކުން " ބެސްޓް އިން މޯލްޑިވްސް " ނުވަތަ ރާއްޖެއިން އެންމެ މަތީ މާރކްސް 43 ދަރިވަރަކު ވަނީ ހޯދާފައެވެ.