ޚަބަރު

ފައިސާދެއްކުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަކީ އަމާޒެއް - ގަވަރުނަރު


ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނުގެ ތެރެއިން ރާއްޖޭގެ ފައިސާދެއްކުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަކީ އަމާޒެއްކަމަށް ގަވަރުނަރު އަޙްމަދު ނަސީރު ވިދާޅެވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، 2018 އިން 2022 އަށް އެކުލަވާލި އެމް.އެމް.އޭގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މަރުކަޒީ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކުރިއަށް އޮތް 4 އަހަރަށް އެކުލަވާލި މިސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ، ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.އެމް.އޭގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ، އަލަށް އިފްތިތާޙްކުރާ ޕްލޭންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ ރާއްޖޭގެ ފައިސާދެއްކުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުންކަމަށެވެ. މިކަމުގެ މައިގަނޑު އަމާޒަކީ ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކަށް ލުއިފަސޭހަ އަވަސް، ރައްކާތެރި، ޚަރަދުކުޑަ ގޮތެއްގައި އެފަދަ މުޢާމަލާތްތައް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ނަސީރު ވިދާޅުވިއެވެ.

"ރާއްޖޭގެ ފައިސާދެއްކުމުގެ ނިޒާމު ވީހާވެސް ބޮޑަކަށް ނަގުދު ފައިސާއަށް ބަރޯސާނުވެ، ޑިޖިޓަލް ޕޭމަންޓްތަކާހަމައަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފައިސާދައްކާ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ"

ގަވަރަނަރު ވިދާޅުވިއެވެ.

މައިގަނޑު 6 ލަނޑުދަނޑިއެއްގެ މައްޗަށް އެކުލަވާލާފައިވާ އެމް.އެމް.އޭގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން "ފައިނޭޝަލް އިންކްލޫޝަން" އާއި "ފައިނޭޝަލް ލިޓްރަސީ" ޕްލޭނެއް އެކުލަވާލައި ޤައުމީ ފެންވަރުގައި ހިންގުމަށް ވަނީ ރާވާފައެވެ. މީގެއިތުރުން މަރުކާޒީ ބޭންކުގެ ހިންގުންތެރިކަމާއި، ގަވަރނަންސް ހަރުދަނާ ކުރުމުގެ ގޮތުން ހަދާފައިވާ ޤަވާޢިދުތަކާއި އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތްކުރުމަށްވެސް އާ ޕްލޭންގައި ވަނީ ހިމަނާފައެވެ.

އެމް.އެމް.އޭގެ ހުރިހާ މުވައްޒަފުންގެ މަޝްވަރާއާއި އައި.އެމް.އެފްގެ ފަންނީ ލަފާ ހިމަނައިގެން އެކުލަވާލި މި ސްޓްރެޓީޖިކް ޕްލޭންގައި ހިމެނާފައިވާ ކަންކަމާބެހޭގޮތުން ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުގެ ފަންނީ އަދި ޕޮލިސީ ލެވަލްގެ ބޭފުޅުންގެ ލަފައާއި ފައިނޭޝަލް އިދާރާތަކުގެ ލަފާއާއި މަޝްވަރާތަކަށް ރިޢާޔަތްކުރެވިފައިވާކަމަށް އެމް.އެމް.އޭއިން ބުނެއެވެ. އަދި މި ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުމާއެކުކަން މަރުކަޒީ ބޭންކުން ވަނީ ފާހަގަކުރައްވާފައެވެ.