ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ފްރެންޗައިސް ކޭއެފްސީ އައުޓްލެޓް ޢާއްމުންނަށް ހުޅުވާލައިފިއެވެ.
ދިވެހިންގެ އެތައް ބަޔަކު އިންތިޒާރުކުރަމުން ދިޔަ ކޭއެފްސީގެ ފުރަތަމަ އައުޓްލެޓް ޢާއްމުކޮށް ހުޅުވާލީ މިއަދު ހެދުނު އެގާރަ ޖެހިއިރުއެވެ. ކޭއެފްސީގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވާފައިވަނީ ގާކޮށި ފްލެޓް ޢިމާރާތުގައި އަމީނީމަގަށްވާގޮތަށެވެ. ރޭ މި ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވިނަމަވެސް ޢާއްމުންނަށް އެތަން ހުޅުވާލީ މިއަދު 11 ޖެހިއިރުއެވެ.
11 ޖެހުމާއެކު ކޭއެފްސީގެ ރާއްޖޭގެ ފުރަތަމަ ރެސްޓޯރަންޓުން އިންސާފުކުރުމުގެ ފުރުސަތު ހޯދުމަށެވެ. އޭގެ ތެރޭގައި އެކި އުމުރު ފުރައިގެ މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ. ކޭއެފްސީ މާލޭގެ އައުޓްލެޓް މިއަދު ޢާއްމުންނަނަށް ހުޅުވާލިއިރު އެތަނަށް ދިޔަ ފުރަތަމަ ސަތޭކަ ކަސްޓަމަރުންނަށްވަނީ އެތަނުގެ ލޯގޯ ޖެހި ޚާއްޞަ ޓީޝާޓެއް ހަދިޔާކޮށްފައެވެ.
ކޭއެފްސީއަށް ފުރަތަމަ ދިޔަ ކަސްޓަމަރުން ބުނީ މިއީ އަބަދުވެސް އުއްމީދުކުރަމުން އައިކަމެއްކަމަށާއި، މިއީ އެކި އުމުރުފުރާގެ މީހުންނަށް ކޭއެފްސީން ކުކުޅު ކާލަން ލިބުނު ރަނގަޅު ފުރުޞަތެއްކަމަށެވެ
ކޭއެފްސީއަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ބްރޭންޑަކަށްވާއިރު ކޭއެފްސީ ޚާއްޞަވެފައިވަނީ ކުކުޅުގެ އެކި ރަހަތަކަށެވެ. ކޭއެފްސީ ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ މަޝްހޫރު ޕިއްޒާ ހަޓްވެސް ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ބައިނަލްއަޤުވާމީ ބޮޑެތި ރެސްޓޯރެންޓްތައް ހިންގާ މަޝްހޫރު "ޔަމް އިންޓަނޭޝަނަލްސް"އިންނެވެ.
މާލޭގައި ކޭއެފްސީ ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވަރސީސް ގުޅިގެން އުފައްދާފައިވާ ގެމަ އައިލެންޑް ފުޑުންނެވެ. ގެމާ ޕިއްޒާ ކްރާފްޓް އޯވަރސީސްއަކީ އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގައިވެސް ޕިއްޒާ ހަޓާއި ކޭއެފްސީގެ އައުޓްލެޓްތައް ހިންގާ ކުންފުންޏެވެ. ކޭއެފްސީގެ މާލޭ އައުޓުލެޓުގައި 120 އަށްވުރެ ގިނަ ކަސްޓަމަރުންނަށް އެއްފަހަރާ ޚިދުމަތްދެވޭނެކަމަށް ކޭއެފްސީ މޯލްޑިވްސްއިން ބުނެއެވެ.
ކޭއެފްސީގެ އައުޓްލެޓް މާލޭ ގާކޮށީގައި ހުޅުވާފައިވާއިރު ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް އިޓަލީގެ ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.