ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކޮށް އެކަނބަލުން ބާރުވެރިކުރުމަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
3 ހަފްތާއަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި 85 ކަނބަލުން ރަޖިސްޓަރީވިއިރު ގާތްގަޑަކަށް 50 ކަނބަލުން ތަމްރީން ފުރިހަމަކޮށްފައިވާކަމަށް މި ޕްރޮގްރާމް އިންތިޒާމުކުރި ވިމަންސް އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާއިންބުނެއެވެ. 8 މޮޑިއުލްއަކަށް ބަހާލައިގެން ތަމްރީން ކުރިޔަށްގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ތަޢުލީމާބެހޭ 11 ސެޝަނަކާއި، ސިޔާސީ ޙަރަކާތްތައް ކުރިއަށްގެންދާނެގޮތްތަކާއި، މިނޫންވެސް ސިޔާސީ ދާއިރާގެ އެކިކަހަލަ މަޢުލޫމާތު ވަނީ ފޯރުކޯށްދީފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިމަންސް އެންޑް ޑިމޮކްރަސީގެ ރައީސާ ޞަފާތު އަޙްމަދު ވިދާޅުވީ އެ ޖަމްޢިއްޔާގެ ޢަމާޒަކީ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ކަނބަލުން އިތުރުކޮށް އެ ކަނބަލުންނަށް ދޭންޖެހޭ ތަމްރީންތައް ގިނަ ކުރުންކަމަށެވެ. މިގޮތުން ކުރިއަށްއޮތް އަހަރުތަކުގައިވެސް މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް ޞަފާތު ވިދާޅުވިއެވެ.
ޞަފާތު ވިދާޅުވީ މިއަހަރު މާލެ އަދި އައްޑޫ ސިޓީއަށް ޢަމާޒުކޮށްގެން ތަމްރން ޕްރޮގްރާމްތައް ކުރިއަށްގެންދިޔަނަމަވެސް މުސްތަޤުބަލުގައި ރައްޖޭގެ އެކި ޞަރަޙައްދުތަކުގައި ތަމްރީންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖޭގައި ހިންގާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ވިމަން އެންޑް ޑިމޮކްރަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ކެނޭޑިއަން ހައި ކޮމިޝަނުން ތާޢީދުކޮށް މިދިޔަ މަހު އިފްތިތާޙްކުރި ޕްރޮޖެކްޓެއްގެ ދަށުން ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކޮށް ސިޔާސީ އަންހެން ލީޑަރުން ތަކެއް އުފެއްދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ވިމަން އެންޑް ޑިމޮކްރަސީ އަކީ އަންހެނުން ސިޔާސީ ދާއިރާގައި ބާރުވެރިކުރުމަށް 2016 ވަނަ އަހަރު އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.