ވިޔަފާރި

އަންނަ އަހަރު އެއަރލައިން ޓިކެޓާއި ހޮޓާތަކުގެ އަގުތައް އުފުލޭނެ


އަންނަ އަހަރު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވައިގެ ދަތުރުފަތުރާއި ޓޫރިސްޓް ހޮޓާތަކުގެ އަގުތައް އުފުލޭނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ގްލޯބަލް ބިޒްނަސް ޓްރެވަލް އެސޯސިއޭޝަނުން ހެދި ދިރާސާއަކުން ދައްކާގޮތުން އަންނަ އަހަރު ވައިގެ ދަތުރުފަތުރުގެ އަގުތައް ބައެއް ސަރަޙައްދުތަކުގައި 2.6 އިންސައްތައާއި 11 އިންސައްތައާ ދެމެދު މައްޗަށްދާނެއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ހޮޓާތަކުގެ އަގުތައް 3.7 އިންސައްތައާއި 11.8 އިންސައްތައާދެމެދު މައްޗަށްދާނެކަމަށް ދިރާސާއިން ދައްކައެވެ.
ދިރާސާއިން ދައްކާގޮތުން ވައިގެ ދަތުރުފަތުރާއި ހޮޓާތަކުގެ އަގުތައް އުފުލޭނެކަމަށް ލަފާކޮށްފައިވަނީ ދުނިޔޭ އިޤްތިޞާދު ރަނގަޅުވެ، މިޚިދުމަތްތަކަށް އޮންނަ ޑިމާންޑު ބޮޑުވަމުންދާތީއެވެ. އަނެއްކޮޅުން މުސާރައާއި ތެލަށް ކުރާ ޚަރަދުބޮޑުވުމާ ގުޅިގެން އެއަރލައިންތަކުން ވިއްކާ ޓިކެޓްގެ އަގުތައް ބޮޑުކުރަން އެއަރލައިންތަކަށް ވަނީ މަޖުބޫރުވެފައެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މިބަދަލުތަކާއެކު ވައިގެ ދަތުރުފަތުރުގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ފައިދާކުރިނަމަވެސް، ޤައުމުތަކުގެ މެދުގައި ހިނގާ ޓްރޭޑް ވޯސް ނުވަތަ ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އޮތް ނުރައްކާ ކުޑަ ނޫންކަމަށެވެ.