ޚަބަރު

މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ޖުލައިމަހުގެ 31ވަނަ ދުވަހާ ހަމައަށެވެ. އެހެން ނަމަވެސް މިހާރު މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ މުއްދަތު އަންނަ އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ އިތުރުކޮށްފައެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ މި މުބާރާތުގެ ބައިވެރިން މަޒުމޫނު ލިޔާނީ އެކަޑަމީން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން ބައިވެރިޔާ އިހުތިޔާރުކުރާ ކޮންމެވެސް އެއް ދާއިރާއަކަށްކަމަށެވެ. އަދި ވާޙަކަ ލިޔާ ބައިވެރިން ލިޔާނީ އެބައިވެރިޔަކު އިހުތިޔާރުކުރާ ހާދިސާއެއްގެ މައްޗައްކަމަށްވެސް އެކަޑަމީން ބުނެއެވެ.

މި މުބާރާތްތަކުގެ ޤަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތްތަކާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް އެ އެކެޑަމީންނާއި އެ އެކެޑަމީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.