އެވިޑް ކޮލެޖުގެ އެވިޑް ޕްރޮފެޝަނަލް ޑައިލޮގް ފަށައިފިއެވެ.
ޤައުމަށް މުހިންމު އެކި ކަންތައްތަކާ ބެހޭ ގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީގައި މަޢުލޫމާތު ޙިއްސާކުރުމުގެ ގޮތުން އެވިޑް ކޮލެޖުން އިއްޔެ ފެށި އެވިޑް ޕްރޮފެޝަނަލް ޑައިލޮގް ގެ ފުރަތަމަ ފޯރަމް ޚާއްޞަކޮށްފައިވަނީ އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ ޝާމިލުކޮށްގެން އުގަންނައިދިނުމާ ބެހޭގޮތުންނެވެ.
"އިންކްލޫސިވް އެޑިއުކޭޝަން ފޯރަމް"ގެ ނަމުގައި ބޭއްވި މި ފޯރަމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ ހުރިހައި ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދޭ ސިޔާސަތު އެކުލަވާލުމާއި ތަންފީޒު ކުރުމުގައި އެކި ދާއިރާތަކުން ޙަރާކާތްތެރިވާ ފަންނީ ބޭފުޅުންނާއި، ކަމާގުޅުންހުރި ތަޖުރިބާކާރުންގެ ޕެނެލަކުންނެވެ.
މި ފޯރަމުގައި ނެޝަނަލް އިންސްޓިޓިއުޓްގެ އިންކްލޫސިވް އެޑިއުކޭޝަންގެ ހެޑް އަދި ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އެކުލަވާލުމުގައި އިސްކޮށް ޙަރާކާތްތެރިވި އަޙްމަދު އާތިފް ވަނީ ތަޢުލީމީ ނިޒާމުގެތެރެއިން ޝާމިލުކޮށްގެން އުގަންނައިދިނުމުގެ މުހިންމު ކަމާއި، އަދި ޝާމިލުކޮށްގެން އުގަންނައިދިނުން އަށަގެންނެވުމަށް އެކި މަރުޙަލާތަކުގައި ކުރެވުނު ކަންތައްތަކާއި، ހޯދާފައިވާ ކާމިޔާބީތަކާ ބެހޭ މަޢުލޫމާތު ފޯރަމުގެ ބައިވެރިންނާ ޙިއްސާކުރައްވާފައެވެ.
އާތިފް ވިދާޅުވީ އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާއިން ތަޢުލީމު އުނގަންނައިދޭއިރު ފަރުދީ ތަފާތަކީ ރައުސުލްމާލެއްކަމަށް ބަލައިގަންނަން ޖެހޭކަމަށެވެ. އަދި އުފެދުމުގައި އެކި ކުދިން ތަފާތުވާނެކަން ދެނެގަނެ، އެކުދިންނަށް އުގަންނައިދިނުމުގެ ޘަޤާފަތެއް އަށަގެންނެވުމަށް ވަގުތު ނަގާނެކަމަށެވެ. އާތިފްވަނީ ސްޕެޝަލް އެޑިއުކޭޝަނާއި އިންކްލޫސިވް އެޑިއުކޭޝަންގެ ތަފާތާއި، މިރޮނގުން ކުރެވިދާނެ ކަންތައްތައްވެސް ބައިވެރިންނާއި ޙިއްސާކުރައްވާފައެވެ.
އެވިޑް ޕްރޮފެޝަނަލް ޑައިލޮގްގެ ފުރަތަމަ ފޯރަމް އިފްތިތާޙު ކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙުމަދު ވިދާޅުވީ އިންކްލޫސިވް އެޑިއުކޭޝަނަކީ މީގެ ކުރިން ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއްކަމަށާއި އެހެންނަމަވެސް މިހާރު މިއީ ޢާންމުން ވަރަށް ބޮޑަށް ހޭލުންތެރި އަދި ތަޢުލީމީ ނިޒާމުގައި އިސްކަންދެވޭ ކަމެއް ކަމަށެވެ. އެހެންކަމުން މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖްރިބާ ހޯދުމަށް މުދައްރިސުން މިހާރު އަހައްމިއްޔަތުކަން ދޭންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެވިޑް ކޮލެޖުން ދަނީ "މާސްޓަރސް އޮފް ޓީޗިންގް އިން އިންކުލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންނެވެ. މި ފޯރަމްގެ ތެރެއިން އެ ކޮލެޖުގައި މިދާއިރާއިން އެކި ކޯސްތަކަށް ކިޔަވަމުންދާ ދަރިވަރުން އިންކްލޫސިވް އެޑިއުކޭޝަނާއި ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޕެނެލްގެ ބައިވެރިން ފަރާތުން ހޯދިއެވެ. އޭގެ ތެރޭގައި ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން ތަޢުލީމު އުގެނުމުގެ މުހިންމުކަމާއި، ސްކޫލް ނިޒާމުގެ ތެރޭގައި މި ޘަޤާފަތް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތާއި، މިހާރު ސަރުކާރުން ޢަަމަލު ކުރަމުންދާ ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސްކޫލަށާއި، ޓީޗަރުންނަށާއި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި އަދި އެކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދަރިވަރުން ވަނީ މަޢުލޫމާތު އޮޅުން ފިލުވާފައެވެ.
ޝާމިލުކޮށްގެން ތަޢުލީމު އުގަންނައިދިނުމާ ބެހޭ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މި ފޯރަމުގައި މާލޭގެ ސްކޫލްތަކުގެ ގިނަ މުދައްރިސުންތަކެއް ބައިވެރިވިއެވެ. އެވިޑް ކޮލެޖުން ބުނީ އެވިޑް ޕްރޮފެޝަނަލް ޑައިލޮގް ސީރީސް ގެ ދެ ފޯރަމެއް އޯގަސްޓުމަހުގެ ތެރޭގައިވެސް ބޭއްވުމަށް އެކޮލެޖުން ތައްޔާރުވަމުން އަންނަކަމަށެވެ.