ޚަބަރު

ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ހުށައެޅި ބިލް މަޖިލީހަށް ބަލައިގެންފި


ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނުލް އުޤޫބާތަށް އިސްލާޙްގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ޤާނޫނު ނަންބަރު 9/2014 ޤާނޫނުލް އުޤޫބާތަށް އިސްލާހް ގެނައުމަށް ހުށައެޅި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 26 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިބިލް ހުށައަޅުއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޤާނޫނުލް އުޤޫބާތަށް އިސްލާޙު ހުށައެޅީ ކޮރަޕްޝަންގެ އަމަލްތައް ހިނގާގޮތް ޒަމާނީވެގެންދާއިރު، މިހާރު އަމަލުކުރެވޭ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްތައް މިހާރުގެ ހާލަތަށް ނުފެތޭތީކަމަށެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުން އިތުރަށް ހަރުދަނާކޮށް ކަމާގުޅޭގޮތުން އަމަލުކުރެވޭ ބައިނަލްއަޤްވާމީ ހަމަތަކަށް ރިޢާޔަތްކޮށް ކޮރަޕްޝަންގެ ކުށްތައް ޒަމާނާއި ގުޅޭގޮތަށް ބަދަލުކުރުން މިބިލް ހުށައެޅި މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންކަމުގެ ހަޤީގަތް އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް މިބިލަށް ބަލާލުމުންވެސް ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތް އެނގިގެންދާނެކަމަށެވެ.

މިބިލުގެ އިބްތިދާޢީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސެއިން މަނިކުވެސް ވަނީ ރިޝްވަތުގެ ކުށް އުވާލަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. ނިހާން ވިދާޅުވީ، މިބިލްވެސް ސަރުކާރުން ހުށައެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ގާނޫނޫލްއުޤޫބާތަށް ހުށަހެޅުއްވި އިސްލާހުތަކާ އެއްކޮށް ވަކިވަކިން އިސްލާހުތަކެއް ގެންނަން ކަމަށެވެ.

26 މެންބަރުންގެ ވޯޓާއެކު މި ބިލް ދިރާސާކުރުމަށް ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީއަށް ފޮނުވާފައިވަނީ، ޤާނޫނުލް އުޤޫބާތަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކޮށްފައިވަނިކޮށް މިއަދުގެ ބިލާއި ދެ ބިލް އެކުގައި ކޮމެޓީ މަރުހަލާގައި ދިރާސާކުރުމަކީ މުހިއްމު ކަމެއް ކަމަށް ނިންމުމަށްފަހުއެވެ.