ޚަބަރު

ހިޔާ މަޝްރޫޢުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހޮނިހިރުދުވަހު ލަންކާގައި ޕްރޮގްރާމެއް


ހިޔާ މަޝްރޫއުގެ ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އަންނަ ހޮނިހިރުދުވަހު ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ހާމަކުރައްވާ ގޮތުގައި ހޮނިހިރުދުވަހު ކުރިއަށްގެންދާ ޕްރޮގްރާމްގައި ހިޔާ މަޝްރޫޢުގެ ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މިމަޝްރޫޢާބެހޭ އިތުރު މަޢުލޫމާތުދިނުންވެސް ކުރިއަށްގެންދާނެކަމަށެވެ.
ހައުސިންގ މިނިސްޓްރީގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިޕްރޮގްރާމް ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ސޯސަންވިލާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައިކަމަށް ދިވެހި އެމްބަސީން މަޢުލޫމާތުދެއެވެ.
ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ ހިޔާ މަޝްރޫޢާބެހޭ މަޢުލޫމާތުދިނުމަށް ޕްރޮގްރާމެއް ލަންކާގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ހިޔާ މަޝްރޫޢުގެ ފޯމް ބަލައިގަތުންވެސް ލަންކާގައި ހުންނަ ދިވެހިި އެމްބަސީން ކުރިއަށްގެންދެއެވެ.