ޚަބަރު

އެޕަލް ކުންފުނީގެ އަގު، އެއް ޓްރިލިއަން ޑޮލަރަށް އަރައިފި


މަޝްހޫރު އައި-ފޯނު އުފައްދާ އެމެރިކާގެ އެޕަލް ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ ކުންފުނީގެ އަގު އެއް ޓްރިލިއަން ނުވަތަ އެއްހާސް ބިލިއަނަށް އެރި ދުނިޔޭގެ ފުރަތަމަ ޕަބްލިކް ކުންފުންޏެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޚިއްސާގެ ބާޒާރުގައި އެޕަލް ކުންފުނީގެ ޚިއްސާގެ އަގުތައް އުފުލެމުންގޮސް، ބުރާސްފަތިދުވަހު ޚިއްސާގެ ބާޒާރު ބަންދުކުރިއިރު އެޕަލް ކުންފުނީގެ ޚިއްސާއެއްގެ އަގު އުޅުނީ 207.39 އެމެރިކާ ޑޮލަރުގައެވެ. 208.38 އަށްވެސް ޚިއްސާގެ އަގުތައް އެރިއެވެ.
ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް އެޕަލްވެފައިވާއިރު، މިރޭހުގައި އެކުންފުންޏާ އެންމެ ގާތުން ވާދަކުރަނީ މަޝްހޫރު އެމެޒޯން ކުންފުންޏާއި މައިކްރޯސޮފްޓް ކުންފުނި އަދި ގޫގުލް ހިންގާ އެލްފަބެޓް ކުންފުންޏެވެ. އެމެޒޯން ކުންފުނީގެ އަގު 900 ބިލިއަން ޑޮލަރަށް އަރާއިރު، މައިކްރޯސޮފްޓާއި އެލްފަބެޓް ކުންފުނީގެ އަގު އުޅެނީ 800 ބިލިއަން ޑޮލަރުގައެވެ.
އެޕަލް ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު އެޕަލްއަކީ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއްވި ކުންފުންނެވެ. އެގޮތުން އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ވަނީ 229 ބިލިއަން ޑޮލަރު ލިބިފައެވެ.
1976 ވަނަ އަހަރު ޤާއިމްކުރި އެޕަލް ކުންފުންޏަކީ، އެކުންފުނީގެ ބާނީ އަދި އެޕަލް ފޯނު ދުނިޔެއަށް ތަޢާރަފްކޮށްދިން ސްޓީވް ޖޮބްސްގެ ގޭގެ ގަރާޖުތެރޭގައި ފުރަތަމަ ހިންގި ކުންފުންޏެކެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕަލްގެ އެތައް ސަތޭކަ އޮފީހެއްގައި އެތައް ހާސް މުވައްޒަފުނެއްދަނީ މަސައްކަތްކުރަމުންނެވެ.