ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓު އަޅާ ބިން ހިއްކުމަށް ބަންޑުވޯލު ޖަހަން ފަށައިފި


ފަރެސްމާތޮޑާގައި ތަރައްޤީކުރާ ހުވަދުއަތޮޅުގެ 4 ވަނަ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކުމަށްޓަކައި ތައްޔާރީތައް ފަށައިފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގެ ބިންހިއްކުމަށް ބޭނުންވާ ވެހިކަލްތައް މިދިޔަ މަހުގެ ފަނަރަ ވަނަދުވަހު ގެންގޮސްފައިވާއިރު ބިން ހިއްކާ ސަރަހައްދުގެ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. ގަލްފް ކޮބްލާ ކުންފުންޏާއި ހަވާލުކޮށްގެން މި އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަހައްދު ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ހިއްކާ ނިންމުމަށް ހަމަޖެހިފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް އިން މައުލޫމާތުދެއެވެ.
ގަލްފް ކޮބްލާއިން ބިން ހިއްކުމުގެ މަސައްކަތް ކުރިނަމަވެސް ބިން ހިއްކުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެނީ އެމްޓީސީސީންނެވެ.

ފަރެސްމާތޮޑާގައި ތަރައްޤީ ކުރަނީ 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާއި އޭޕްރަންއެއް އަދި ޕެސެންޖަރ ޓާމިނަލެކެވެ.
ހުވަދު އަތޮޅުގައި މިހާރުވެސް ދެ އަރޕޯޓު އޮޕަރޭޓްކުރަމުންދެއެވެ. އެއީ އެއަތޮޅު ދެކުނުބުރީ ކާޑެއްދޫ އެއަރޕޯޓާއި، ކޫއްޑޫ އެއަރޕޯޓެވެ. މީގެ އިތުރުން ގދ. މާވާރުލުގައި ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތްވެސް ހަލުއިކަމާއެކު ދަނީ ކުރިއަށެވެ.
އަލަށް ތަރައްޤީކުރާ އެއާޕޯޓުގެ ސަބަބުން ގދ. އަތޮޅަށް ދަތުރުފަތުރު ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން މުޅި ހުވަދުއަތޮޅަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.