ޚަބަރު

33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލިނަމަވެސް، މިހާރު މުބާރާތުގައި ބައިވެރވުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތް ބާއްވާ ދުވަސް ފަސްކޮށްފައިވަނީ ކުރިން މުބާރާތް ބާއްވަން ކަނޑައެޅި ތާރީޚް މިއަހަރުގެ ރިިޔާސީ އިންތިޚާބު ދުވަސްވަރާއި، ޙައްޖާއި، އީދު ބަންދާ ދިމާވާތީކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތައް އަދިވެސް ތިބުމުން، ވީހާވެސް ގިނަ މީހުންނަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.

33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީތަކަށާއި، އިސްލާމްދީނަށް ޚިދުމަތް ކުރުން އެ ފަރާތެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާތަކާއި، ކުންފުނިތަކުގެ އިތުރުން ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ. 16 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންބުނެއެވެ.

ޤައުމީ ޤުރުއާން މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 10 ފޮތާއި 20 ފޮތް އަދި މުޅި ޤުރުއާން ތަޖުވީދު ހަމަތަކުގެ މަތިން ކިޔެވުން ހިމެނޭއިރު، ހިތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 5 ފޮތާއި 10 ފޮތް އަދި 20 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމަނާފައިވެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނީ މި މުބާރާތުގެ ދެބައިގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ ގިނަވެގެން 2 ކެންޑިޑޭޓަށް ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ގޮތްޕެއްގައި ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ވަނަވަނައަށްދާ ފަރާތްތަކަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދޭ އިނަމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ އިތުރުން ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި ފަތުރާ ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.