ޚަބަރު

އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމްގެ މެނިފެސްޓޯ ކޮޕީކޮށްފައި - ޕީޕީއެމް


ރިޔާސީ އިންތިޚާބަށް ނުކުންނަ އިދިކޮޅު ފަރާތްތަކުގެ އަމިއްލަ މެނިފެސްޓޯއެއް ނެތްކަމަށާ، އެފަރާތްތަކުން ބޭނުން ކުރަމުން ދަނީ ޕީޕީއެމްގެ މެނިފެސްޓޯގެ ކޮޕީއެއްކަމަށް، ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ބުނެފިއެވެ. ޕީޕީއެމުން މިހެންބުނީ އެޕާޓީން ރިޔާސީ އިންތިޚާބު ފަސްކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާގުޅޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ބޭއްވި ނޫންވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކު ވިދާޅުވީ، ރިޔާސީ އިންތިޙާބަށް ތައްޔާރުވަމުން އަންނަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނާހަމައަށް ފޯރުކޮށްދޭނެ އަމިއްލަ މެނިފެސްޓޯއެއް ވެސް ނެތްކަމަށާ، އެ ފަރާތްތަކުގެ ކެމްޕެއިންތަކުގައި ވިއްކާ މެނިފެސްޓޯއަކީ ޕީޕީއެމް މެނިފެސްޓޯގެ ކޮޕީއެއް ކަމަށެވެ.

ނިހާން ވިދާޅުވީ، ތިންލައްކަ އަށާރަހާހުގެ އާބާދީއަކަށް އަމާޒުކޮށް ވިލިމާލެ 2 ގެ ބިޔަ މަޝްރޫޢުގެ ވާހަކަ ރައީސް ޔާމީން ޢިއުލާންކުރައްވައި، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް މަދުވެގެން 1000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބޭނެ ފަދަ ގޮތެއް ހަމަޖައްސައި ދެއްވާނެ ކަމުގެ ތަޞައްވުރު ހާމަކުރައްވައި، ބޯހިޔާވަހިކަން ނެތް ދިވެހިރައްޔިތަކު ދެން ނުހުންނާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް އޭގެ ދެތިން ދުވަސް ފަހުން އެކަންކަން ކޮޕީކޮށްގެން އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން އެކަން ކުރާނެ ގޮތެއްވެސް ބުނެދެވިފައި ނުވާކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ބޯހިޔާވަހިކަމާއި ފްލެޓްގެ ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދިދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި އަޅަން އުޅުނު ފްލެޓްތަކަށް ވީގޮތް ރައްޔިތުންނަށް ފެނި ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ ރައީސް ޔާމީންގެ މެނިފެސްޓޯ ކޮޕީކޮށްގެން ވާހަކަ ދެއްކިނަމަވެސް މި ސަރުކާރަށް ނޫނީ އެފަދަ އެއްވެސް ކަމެއް ކުރުމުގެ ޤާބިލު، އެއްވެސް ސަރުކާރެއް ނެތް ކަމަށެވެ. އަދި ތަފާތު ވާހަކަތައް ދައްކައިގެން ރައްޔިތުން ގުނބޯހައްދަން އުޅުނު ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ފަލްސަފާއަކީ ބިނާކުރުން ނޫން ކަމަށާއި އެ ފަރާތްތަކުގެ ފަލްސަފާގައި ލިޔެފައި ވަނީ ފަނާކުރުން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބުދުއް ރަޙީމް ޢަބުދުﷲ ވިދާޅުވީ، ޕީޕީއެމާއި ޕީޕީއެމްގެ ސަރުކާރަކުން އަބަދުވެސް އިސްކަން ދޭނީ ޤައުމުގެ ސުލްހަވެރިކަމާއި، މަސްލަހަތާއި ހަމަޖެހުމަށް ކަމަށާ، އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ މަކަރާއި ހީލަތުންކަމަށެވެ. އެގޮތުން ދޮގާއި މަކަރާއި ޙީލަތް ހެދުމަކީ އިދިކޮޅު ފަރާތްތަކުގެ ތާރީޚާ ގުޅިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ބޭރު ޤައުމުތަކަށް އަރުވާލެވިގެން ތިބޭ ފަރާތްތަކުން އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ރައްޔިތުންނޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ޤައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނަމަ ޤައުމަށް ވަޑައިގެން ރައްޔިތުންނާއި ކުރިމަތިލައްވައި ވާހަކަ ދެއްކުމަށް ގޮވާލައްވާފައެވެ.