ޚަބަރު

ޤައުމީ ސަލާމަތަށް ނުރައްކާވާނަމަ ވަގުތުން ފިޔަވަޅު އަޅާނަން، އަމާންކަން ނަގާލިޔަ ނުދޭނަން - މިނިސްޓަރ


ޤައުމީ ސަލާމަތަށް ނުރައްކާވާނަމަ ވަގުތުން ފިޔަވަޅު އަޅާނެކަމަށާއި، ސުލްޙަ މަސަލަސްކަން ނަގާލުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ ދިވެހި ސިފައިން ތައްޔާރީ ޙާލަތެއްގައި ތިބިކަމަށް ދާދިފަހުން ޑިފެންސް މިނިސްޓަރ ވިދާޅުވި ވިދާޅުވުމަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރި ފާޑުކިއުންތަކަށް ރައްދުދެއްވައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރުމަށް ބަޔަކު ރާވަމުންދާ ވާހަކަ ހާމަކުރުމާއެކު ބަޔަކު މީހުން ވަރަށް ބޮޑަށް ސިހިގެން ދިޔަ ކަމަށެވެ.

ރ. އުނގޫފާރުގައި ބޭއްވި ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް މިކަން ހާމަކުރެއްވީ އެކަމަކީ ވަރަށް ސީރިއަސް މައްސަލައެއްކަމަށްވެފައި ހުރިހާ ރައްޔިތުންނަށްވެސް ވީއެންމެ އަވަހަކަށް އެކަން އެންގުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަން ހާމަކުރުމުން އެކަމާ ބަޔަކު ވަރަށް ބޮޑަށް ސިހި، "ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަ" ފަދައިން އުޅޭތަން ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލަން ބަޔަކު ރާވަމުންދާތީ ސިފައިން ތައްޔާރީ ޙާލަތެއްގައި ތިބިކަމަށް ޑިފެންސް މިނިސްޓަރ ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖްގައި އެކަން ހާމަކުރައްވާފައެވެ. އެއާއެކު ވަރަށް ގިނަ ފަރާތްތަކުން އެމަނިކުފާނާ އެއްކޮޅަށް ކަމުގެ މުހިންމުކަމާ ގުޅޭގޮތުން ތަފާތު ޝުއޫރުތައް ފާޅުކުރަމުން ދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާންމުންނާ ހިއްސާކުރުމުން ފާޑުކިއުން އަމާޒުކޮށްފައެވެ.

މިނިސްޓަރ ވަނީ އެކަން ސޯޝަލް މީޑިއާގައި ޙިއްސާކުރަންޖެހުނު ސަބަބާ ދޭތެރޭ ނުވިސްނައި މިކަމުގައި އިދިކޮޅު ފަރާތްތަކުން ތަފާތު ނަޒަރަކުން ވިސްނަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

"
"ރާއްޖޭގަ ސުލްޙަ މަސަލަސްކަން ނަގާލުމަށްޓަކާ، ހަލަބޮލިކަން އިތުރުކުރުމަށްޓަކާ ބަޔަކު ރާވަމުން އެބަގެންދޭ، އަޅުގަނޑު އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ބޮޑު އެއް ސަބަބަކީ އެންމެ އަވަހަށް ހުރިހާ ކުލައެއްގެ މީހުންނަށްވެސް އެމައުލޫމާތު އެެންމެ ފަސޭހައިން ފޯރާނީ ސޯޝަލްމީޑިއާ ކަމަށްވުން."
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު

މިނިސްޓަރ ވިދާޅުވީ، ކޮންމެ ގޮތަކުން ނަމަވެސް ގައުމުގެ ސުލްޙަ މަސަލަސްކަން ނަގާލަން މަސައްކަތްކޮށް އެކަންކަން ރާވަމުންދާ ކޮންމެ ފަހަރަކު އެކަމާ ދެކޮޅަށް ސަރުކާރުން ތެދުވާނެކަމަށާއި އަދި ވަގުތާ ހާލަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ.