ޚަބަރު

ރިޟްވާން ގެއްލުނު މައްސަލަ ކެބިނެޓުން ތަހުޤީޤުކޮށްފައެއް ނުވާނެ- ރައީސް


ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ، އެއްވެސް އިރެއްގައި ކެބިނެޓް ފެންވަރުގައި ތަހުޤީޤުކުރަން މަސައްކަތްކޮށްފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މައްސަލަ ތަހުޤީޤްކުރަން ކެބިނެޓް ފެންވަރުގައި ކުރި މަސައްކަތް ހުއްޓުވިކަމަށް ބުނެ، ޖަލުގައި މިހާރު ހުރި އަހުމަދު އަދީބު ދެއްކި ވާހަކަތައް ދޮގުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލަ އެއްވެސް އިރެއްގައި ކެބިނެޓު ފެންވަރުގައި ތަހުޤީޤު ނުކުރާކަމަށެވެ. އަދި ފެށުނީއްސުރެވެސް ރިލްވާންގެ މައްސަލަ ތަހުޤީޤުކުރަމުންދިޔައީ ޕޮލިހުންކަމަށާއި ކެބިނެޓް ފެންވަރުގައި ތަހުޤީޤުކުރީ، ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލަ އެކަނިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގދ. މަޑެވެލީ ރައްޔިތުންނާއި މުޚަތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުޤީޤަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ރިލްވާން ގެއްލުނު މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އަދި ރިޟްވާން ދިރިހުއްޓާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަޠުލަބަކަށްވީ އަޅުގަނޑުގެ މުރާދަކަށްވީ އަދީބު އެ ދައްކާ ވާހަކައަކީ އަސާސެއް ނެތް ބޭސްލެސް ވާހަކައެއް. ކެބިނެޓުގައި އޭނަ ހޯދާކަށް ކުރެވުނު އެއްވެސް ކަމެއް ނޯންނާނެ. މި ތިއްބެވީ ކެބިނެޓު މިނިސްޓަރުން. އެހެންވީމަ އަޅުގަނޑުގެ ބަހުގެ މުރާދަކަށްވީ އެކަހަލަ މަސައްކަތެއް އަޅުގަނޑު ނުކުރަމޭ، އެއީ ރޯ ބުހުތާނު ވާހަކައޭ. އެއްގޮތަކަށްވެސް އަޅުގަނޑުގެ މުރާދަކަށްވީ ރިޟްވާން މަރުވިކަން ކަށަވަރު ކުރުމެއް ނޫން. ﷲގެ ރަޙުމަތުން އިރާދަކުރެއްވިއްޔާ ރިޟްވާން މަރެއް ނުވާނެ. އަޅުގަނޑުމެންނަށް އޭނާ ހޯދޭނެމެވެސްމެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިތާ މާގިނައިރުތަކެއް ނުވަނީ، އަހުމަދު ރިޟްވާނު ގެއްލުނު މައްސަލައާއި ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދެއްކީ ދޮގު ވާހަކަތަކެއްކަމަށް ރިޟްވާނުގެ އާއިލާއިންވެސް ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ރިޟްވާނުގެ އާއިލާއިން ބުނީ، އަދީބު ޖަލުގައި ހައްޔަރުކުރި ފަހުން ރިޟްވާނު ގެއްލުނު މައްސަލައާއި ގުޅޭ ގޮތުން އާއިލާއިން ކުރި ސުވާލުތަކަށް ވަކީލުން މެދުވެރިކޮށް ޖަވާބު ދީފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކައެއް ކަމަށެވެ. ރިޟްވާނުގެ އާއިލާއިން ބުނީ، އެކަން އަދީބުގެ ވަކީލު މަހުފޫޒް ސައީދަށް ވެސް އެނގޭނެ ކަމަށާއި އެ އާއިލާއިން ރިޟްވާނާ ބެހޭގޮތުން ކުރި އެއްވެސް ސުވާލަކަށް އަދީބު ޖަވާބު ނުދޭކަމަށް މަހުފޫޒް ވިދާޅުވި ކަމަށެވެ.

ރިޟްވާން ގެއްލުނު މައްސަލައަށް ރައީސް ޔާމީން އިހުމާލުވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަދީބު ޖަލުގައި ހުރެގެން ބަޔާނެއް ނެރުނުއިރު، ރިޟްވާން ގެއްލުވާލުމުގައި ބައިވެރިވި ބަޔަކު ރާއްޖެއިން ބޭރަށް ފުރުވާލިކަމުގެ ވާހަކަތައް ފެތުރިފައިވަނީ އަދީބު ވަގުތީ ގޮތުން ޑިފެންސް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުރި ދުވަސްވަރުގައެވެ.

ރިޟްވާން ގެއްލުނު މައްސަލަ ފުލުހުން އަދިވެސް ދަނީ ތަޙްޤީޤް ކުރަމުންނެވެ.