ޚަބަރު

އިދިކޮޅު ކެނޑިޑޭޓު ދައްކަވަނީ އަމާޒެއްނެތް ހުސްވާހަކަ - ޠާރިޤު


ހދ.އަތޮޅަށް ޓޫރިޒަމް ފުޅާކޮށް އެއަތޮޅުގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި ވިދާޅުވުމަކީ އެއްވެސް ބިނާކުރަނިވި މިސްރާބެއްނެތް ހުސް ވަޢުދެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޠާރިޤް މިހެން ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓު ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ހިރިމަރަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ކުރިއަށް އޮތް ފަސް އަހަރު 3000 އެނދު އެސަރަޙައްދުގައި ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދާދިފަހުން ހދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިޢުލާން ކުރައްވާފައިވާކަން މިނިސްޓަރ ޠާރިޤު ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ކެނޑިޑެޓު ޓެގް ކުރައްވައި މިނިސްޓަރ ޠާރިޤް ވިދާޅުވެފައިވަނީ "ތި ވިދާޅުވި ވައުދުގައި އެއްވެސް ބިނާކުރެނިވި މިސްރާބެއް ނެތް" ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާޙީމް ކުރެއްވި ޓްވީޓް

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. އަތޮޅާއި ހދ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ތެރެއިން ، ކުރިއަށް ރިޔާސީ ދައުރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި 3000 އެނދު މިސަރަޙައްދުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ.

"ޝައްކެއްވެސް ނެތްގޮތުގައި ޤައުމީ އެތައްކަމެއްގައި ފާހަގަކުރެވޭ ކަންތައްތައް މިހުރީ ހއ އާއި ހދ ގެ ތެރޭގަ. ހއ އާއި ހދ އަށް އެކަނި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަންނަ ފަސް އަހަރުގެ ކުރީކޮޅު 3000 އެނދު މި ދެއަތޮޅުގައި އަޅާނަން. ރިސޯޓްތަކެއް ހުޅުވިގެންދާނެ ހަމައެހެންމެ އަޅުގަނޑުމެންގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކަށް މިއޮތީ މި އަތޮޅުތަކުގައި ހުރި ބޮޑެތި ކޮންމެ ރަށެއްގައި ގެސްޓް ހައުސް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރ ހަމަކޮށްދިނުން."

ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރާއްޖޭގެ އެކިއަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ގެސްޓް ހައުސްވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައްވެސް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ފަށްޓަވާފައިވާކަން ހާމަކުރައްވާފައި.