ޚަބަރު

ތަރިކަ މަޝްރޫޢުގެ ލޯގޯ ބޭނުންކުރާ މުއްދަތު އިތުރުކޮށްފި


ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ތަރިކަ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ނިންމަވާފައިވާ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އޮގަސްޓު މަހުގެ 14 ވާ އަންގާރަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، ތަރިކަ މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ތަރިކަ މަޝްރޫޢަކީ ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙުކޮށްދެއްވި މަޝްރޫޢެެކެވެ. ތަރިކަ މަޝްރޫޢުގެ ޝިޔާރަކީ "ދީނާއި ޤައުމިއްޔަތު ދިވެހިންގެ ނާރެސް"މިއެވެ. މިމަޝްރޫޢުގެ ލޯގޯއިން ފެނިގެންދަނީ، ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީނެވެ.