ޚަބަރު

ރައީސް ޔާމީން ދިޔަމިގިލީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް، ތ.ދިޔަމިގިލީގައި ސަރުކާރުން ޤާއިމްކުރި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި 2 ޕަމްޕް ސްޓޭޝަން ބަހައްޓައި 5.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ރަށުގެ 233 ގެއަށް ވަނީ މި ޚިދުމަތް ފޯރުކޮށްދީފައެވެ. މީގެއިތުރުން ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 200 މީޓަރުގެ އައުޓް ފޯލް ހޮޅިވެސް ވަނީ އަޅާފައެވެ. މި ނިޒާމް ހިންގާ ބެލެހެއްޓުމުގެ ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ދަޢުލަތުގެ ބަޖެޓުން 29 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ދިޔަމިގިލީގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާއެވެ. ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު މި މަސައްކަތް ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ވިދާޅުވީ ތަރައްޤީގެ މިފަދަ މަޝްރޫއުތައް ކުރިއަށްގެންދަނީ ރައީސް ޔާމިންގެ ދުރުވިސްނުމާއެކުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމިން ޢަބްދުލްޤައްޔޫމް ޤައުމަށް ކޮށްދޭ މަސައްކަތްތަކަކީ ވަކި ފަރުދަކަށް ފައިދާ ވާގޮތަށް ކޮށްދެއްވާ މަސައްކަތްތަކެއް ނޫންކަމަށާ އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުން މިފަދަ މަސައްކަތްތައް ކޮށްފައިވަނީ ވަކި ރަށްތަކަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށްކަމަށެވެ. އަދި ދެންވެސް އެމްޑީޕީގެ ސަރުކާރެއް އަތުވެއްޖެނަމަ މަޝްރޫއުތައް ކުރިއަށްގެންދާނީ ވަކި ބަޔަކަށް ފައިދާވާގޮތަށްކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އިދިކޮޅު ލީޑަރު ޢިބްރާހިމް މުޙައްމަދު ޞާލިހް ކެމްޕޭން ދަތުރުތަކުގައި ރަށްތަކަށްވަޑާއިގެންކުރައްވާ ވައުދުތައް ފުއްދަވަން ފައިސާ ހޯދަވާނެގޮތްތައް ބަޔާންކޮށްދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ތ.ދިޔަމިގިލީގައި ސަރުކާރުން ޤާއިމްކުރި ނަރުދަމާ ނިޒާމަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.