ޚަބަރު

ފުވައްމުލަކުން ރައީސް ޔާމީނަށް ތާޢީދު އޮތް މިންވަރު ދައްކާލައިފި


ރައީސުލް ޖުމުހޫއްރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ރަނިންގ މޭޓު އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ތާޢީދު އޮތް މިންވަރު ފުވައްމުލަކު ރައްޔިތުން ދައްކާލައިފިއެވެ.

މި ދެ ބޭފުޅުންނަށް އޮތް ތާއީދު ދައްކާލާފައިވަނީ މިއަދު ހަވީރު ފުވައްމުލައް ސިޓީގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު އެސިޓިގައި ބޭއްވި ވެހިކަލް ބުރުގެތެރެއިންނެވެ. ވެހިކަލް ބުރުގައި ރައީސް ޔާމިނުގެ ރަނިންގްމޭޓު ޑރ. ޝަހީމް އަލީ ސަޢީދުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާ ތަކުގެ އިސް ވެރިން ބައިވެރިވިއެވެ. ފުވައްމުލައް ސިޓީގެ 8 އަވަށުން ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ވެހިކަލް ބުރު ފެށީ ހަވީރު ހަތަރެއް ޖެހި އިރު އެވެ. އަދި ނިންމާލާފައިވަނީ ފުވައްމުލަކުގެ މައި މަގުތަކުން ގޮސް ބަނދަރު ޞަރަޙައްދަށެވެ.

ވެހިކަލް ބުރު ނިންމާލުމަށް ފަހު ވެހިކަލް ބުރުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ 23 ސެޕްޓެމްބަރު އިންތިޚާބަކީ ރާއްޖެއިން އިސްތިޢުމާރީ ފިކުރު ފޮހެލާނެ އިންތިޚާބެއް ކަމަށެވެ. މީގެ އިތުރުން ޑރ. ޝަހީމް ވަނީ މިހާރު މި ފެންނަަން އޮތް މަންޒަރުން އިންތިޙާބުގެ ނަތީޖާ ފެނިގެންދާ ކަމަށް ވިދާޅުވެފައެވެ.

ވެހިކަލް ބުރަށް ފަހު ފުވައްމުލައް ސިޓީގެ ރައްޔިތުން ވަނީ ރައީސް ޔާމީނަށް ތާއިދު އޮތް މިންވަރު މި ބުރުންވެސް ހާމަ ވެގެން ދިޔަ ކަމަށް ބުނެފައެވެ. އަދި މިއީ މިހާތަަނަށް ފުވައްމުލަކުގައި ވެހިކަލް ބުރަކަށް އެންމެ ގިނަ މީހުން ނިކުތް ފަހަރު ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.

ރައީސް ޔާމިނުގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ގ.ދ ތިނަދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.