ޚަބަރު

ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް


ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާންކޮށް، ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން، ކެނޑިޑޭޓް ނަންބަރު 1 ލިބިވަޑައިގަތީ ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށެވެ. ކެނޑިޑޭޓް ނަންބަރު 2 ލިބިވަޑައިގަތީ އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ސާލިޙަށެވެ.

ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ނަން އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕީ.ޕީ.އެމްގެ ކެނޑިޑޭޓްގެ ފަރާތުން ގުރުއަތު ނެންގެވީ އެޕާޓީގެ ނާއިބްރައީސް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އެމް.ޑީ.ޕީގެ ކެނޑިޑޭޓްގެ ފަރާތުން ގުރުއަތުގައި ނެންގެވީ އެމް.ޑި.ޕީގެ ރިޔާސީ ކެނޑިޑޭޓްގެ ރަސްމީ އިންތިޚާބީ އޭޖެންޓް އަލްއުސްތާޛާ ހިސާން ހުސެއިނެވެ.

ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާކަމަށް ޝަރުތު ހަމަވެފައިވާ ބޭފުޅުންގެ ނަންތައް ތަރުތީބުކުރުމާއެކު، ކެނޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާންކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ އިންތިޚާބުތަކުގެ ތެރެއިން ފުރަތަމަ ބުރުން ނިމިގެންދާނެ ފުރަތަމަ އިންތިޚާބުކަމަށާއި، މިއީ ތަރީޚީ އިންތިޚާބަކަށް ވެގެންދާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމުގެގޮތުން ކެމްޕެއިން ޙަރަކާތްތައް މިއަދުންފެށިގެން ރަސްމީކޮށް ފެށިގެންދާއިރު، އިންތިޚާބު ބާއްވާ ދުވަހުގެ ކުރީދުވަސްކަމުގައިވާ ސެޕްޓެމްބަރު 22 ވާ ހޮނިހިރުދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގެވޭނެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ، ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިންތިޚާބާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ހުރިހާ ފަރާތްތަކުންވެސް ތަބާވާންޖެހޭނެކަމަށެވެ.

"އެއްވެސް ކެނޑިޑޭޓަކު ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް އުނިކަން އަތުވެދާނެ އެއްވެސްކަމެއް ކޮށްގެން ނުވާނެ. ކެނޑިޑޭޓަކާއި ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ފަތުރައިގެން ނުވާނެ. އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނާއި ރާއްޖޭގެ އާންމު ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއްކޮށްގެން ނުވާނެ" - ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވާފައިވާއިރު، ކެނޑިޑޭޓްނަންބަރު އެކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންގެ މޭޓަކީ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. ކެނޑިޑޭޓް ނަންބަރު ދޭއް އިބްރާހީމް މުޙައްމަދު ސާލިޙްގެ ރަނިންގ މޭޓަކީ ފައިސަލް ނަސީމެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަމަހުގެ 23 ވާ އާދީއްތަ ދުވަހުގައެވެ.