ޚަބަރު

ރީރަޖިސްޓްރީކުރުމުގައި އޮޅުވާލަން މަސައްކަތްކުރި، ދަޢުވާކުރާނަން - ޝަރީފް


ރިޔާސީ އިންތިޚާބަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ބައެއް ފަރާތްތަކުން އޮޅުވާލުމަށް މަސައްކަތްކުރިކަމަށާއި، އެކަންކުރަން އުޅުނު ހުރިހާ އެންމެނާ ދެކޮޅަށް ދަޢުވާކުރުމަށް ހުށަހަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރާކަމަށާއި، ރީރަޖިސްޓްރީ ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އޮޅުވާލަމުންދާކަމަށްބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަމުންދަނީ އިޚްލާސްތެރި މަސައްކަތްތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިކެލެކްޝަންސް ކޮމިޝަނުން އެއްވެސް ހާލެއްގައި ރީރަޖިސްޓްރީކުރުން އޮޅުވާލުމަށް މަސައްކަތްކޮސްފައެއް ނުވާނެ. މިކޮމިޝަނަށް ފޯމެއް ރިރަޖިސްޓަރ ކުރަން ވައްދާފައި އޮވެގެންނޫނީ އަޅުގަނޑުމެން އެފޯމް ރަޖިސްޓްރީކޮށްފައެއް ނުވާނެ. އޮޅުވާލިނަމަ އޮޅުވާލާފައިވަނީ އެފޯމް ވެއްދި ފަރާތްތަކުން. ސިޔާސީ ޕާޓީތަކުން، ނުވަތަ އެފޯމްތައް ހިފައިގެން އައި ފަރާތްތަކުން. އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައި ނުވަތަ އަޅުގަނޑުމެންގެ މަސްޢޫލިއްޔަތެއްގެ ގޮތުގައި މިނާޅުވާ." - ޝަރީފު ވިދާޅުވިއެވެ.

ރީރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅި ބައެއް ފަރާތްތަކުން އޮޅުވާލަން މަސައްކަތްކުރިކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ، ރީރަޖިސްޓްރޭޝަންގެ މައުލޫމާތު ހާމަކުރުން ލަސްވެގެންދިޔައީވެސް އެފަދަ އޮޅުވާލުންތަކުގެ ސަބަބުންކަމަށެވެ. އަދި އިންތިޚާބާ ގުޅޭ ކަންކަމުގައި އޮޅުވާލަން މަސައްކަތްކުރި އެންމެންނާ ދެކޮޅަށް ދައުވާކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިނގޭ ފޯމު ވައްދާފައިއޮތީ ކޮންފަރާތަކުންކަމާއި، ފޯމުވައްދާފައި ހުރި ފަރާތުގެ އިނގިލީގެ ނިޝާން އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އެކީ ކޮންޕާޓީއަކުން ކަމާއި، ކޮންއެޑްރެހެއްގެ މީހެއްކަން ހާމަވާ މައުލޫމާތު އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އަޅުގަނޑު ހަމަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. އިންތިޚާބީކަންކަން އޮޅުވާލުމައްޓަކައި މަސައްކަތްކުރި ހުރިހާ އެންމެން ގޮވައިގެން އަޅުގަނޑުމެން ދަޢުވާ ކުރާނަން. ޖިނާޢީ ދާއުވާ ކުރާނަން. އަދި އެމީހުން ކުރި ކުށުގެ އަދަބު އެއޮންނަ އުސޫލެއްގެ ތެރެއިން ދޭނަން" - އަޙްމަދު ޝަރީފު - އިލެކްޝަންސް ކޮމިޝަންގެ ރައީސް

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ތަފްސީލެއް އަންނަ ހަތްތާގައި ޢާންމުކުރާނެކަމަށެވެ. ކުރިއަށްއޮތްތަނުގައިވެސް އިންތިޚާބާ ގުޅޭކަންކަން އޮޅުވާލުމަށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައި އެފަދަކަންކަން އެޅުމުމަށް އެވެސް ފަރާތަކުން، ޚާއްޞަކޮށް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތަކުން މަސައްކަތް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްވަނީ ގޮވާލައްވާފައެވެ.