ބައިކް މޯލްޑިވްސްއިން ބާއްވާ ދެވަނަ "އޮވަސީސް ބައިކް ޓުއަރ"ގެ ބައިވެރިން 3 ދުވަހުގެ ތެރޭގައި 150 ކިލޯ މީޓަރުގެ ރާސްތާ ފުރިހަމަކޮށް ސްރީލަންކާގެ 3 ސިޓީއަކަށް ބައިސްކަލްގައި ދަތުރުކޮށްފިއެވެ.
ޖުމްލަ 21 ދިވެހިން ހިމެނޭ މި ޓީމުން ކޮންމެ ދުވަހަކުވެސް 40 - 45 ކިލޯ މީޓަރާ ދެމެދުގެ ރާސްތާއެއްގައި ބައިސްކަލް ދުއްވުމަށް ހަމަޖެހިފައިވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެއެވެ. އެގޮތުން މިހާތަނަށް މި ޓުއަރގައި ސްރީލަންކާގެ ވެސްޓް ކޯސްޓް ސަރަޙައްދުގެ އިތުރުން އީސްޓް ކޯސްޓުގެ ސަރަޙައްދު ތަކުގައިވެސް ބައިސްކަލް ދުއްވާފައިވާކަމަށް ބައިކް މޯލްޑިވްސް އިން ބުނެއެވެ.
ބައިކް މޯލްޑިވްސްއިން ބާއްވާ މި ޓުއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން ފެށިގެން 22 ވަނަ ދުވަހާއި ހަމައަށެވެ.
ބައިކް މޯލްޑިވްސްއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުން މަދުކޮށް، ތިމާވެއްޓާ ރަށްޓެހި ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމުގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ބައިސްކަލް ދުއްވުމުގެ އާދަ ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމައްޓަކައި ބައިކް މޯލްޑިވްސްގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގެންދަނީ ގިނަ ހަރަކާތަތަކެއް ހިންގަމުންނެވެ.