ކުޅިވަރު

ސާފް ސުޒުކީކަޕްގައި ދިވެހި ކީޕަރުންގެ ފަރާތުން ތަފާތު ފެންނާނެ: އަސްލަމް


ސާފް ސުޒުކީ ކަޕަށް ދާ ރާއްޖޭގެ ޤައުމީ ޓީމްގެ ގޯލް ކީޕަރުން މިފަހަރު ތަފާތުވާނެކަމަށް ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ބުނެފިއެވެ.

މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ޤައުމީ ޓީމް ޤަތަރުގައި ކުރިއަށްގެންދާ ތަމްރީންތަކުގައި، ގޯލް ކީޕަރުންނަށް ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދާކަމަށްވެސް އަސްލަމް ބުންޏެވެ. ގޯލް ކީޕަރުންގެ ތަމްރީންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކުރިން ޤައުމީ ޓީމްގެވެސް ގޯލް ބަލަހައްޓާފައިވާ އަސްލަމް ބުނީ މަހަކަށްވުރެ ގިނަ ދުވަހު ޤަޠަރުގައި ފުރިހަމަކުރާ ކޭމްޕް ނިމިގެންދާއިރު، ކީޕަރުންގެ ތަފާތު ފެންނާނެކަމަށާއި، ނިމިގެންދިޔަ 15 ވަރަކަށް ދުވަހު ކީޕަރުންގެ ހަށިގަނޑު ވަރުގަދަކުރުމާއި، ބުންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްކުރިކަމަށެވެ.
މިހާރު ކީޕަރުންގެ މައްސަލަ ހުންނަ ދިމާތައް ދެނެގަނެ، އެކަމަށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުންދާކަމަށް އަސްލަމް ބުންޏެވެ. ފޯވާޑުން އަތުން ހެދޭ މިސްޓޭކްތަށް ފެންނަވަރު މަދުވާނެކަމަށާއި، ނަމަވެސް ކީޕަރެއްގެ އަތުން ހެދޭ އެންމެ މިސްޓޭކަކުންވެސް ޓީމް ބަލިވެދާނެކަން ފާހަގަކުރަމުން އަސްލަމް ބުނީ، މިފަހަރުގެ ސާފް ސުޒުކީ ކަޕާ ކުރިމަތިލާއިރު ރާއްޖޭގެ ކީޕަރުންގެ ފަރާތުން ތާފާތު ކުޅުމެއް ފެންނާނެކަމަށެވެ. މިހާރުވެސް ހެދޭ މިސްޓޭކްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އަސްލަމް ބުންޏެވެ.

އަސްލަމް ބުނީ ނުވަދިހައިގެ އަހަރުތަކުގައި ފުޓްބޯޅައިގައި ކީޕަރުން އެހާ ބޮޑަށް މެޗު ތެރޭގައި ބޭނުން ނުކުރާކަމަށާއި، ނަމަވެސް މިހާރު ގޯލް ކީޕަރުންނަކީވެސް ފަހަތަށް ކުޅޭ ކުޅުންތެރިންނެކޭ އެއްގޮތަށް މެޗްގައި ވަރަށް ބޮޑަށް ޝާމިލްވެގެން ކުޅޭ ބައެއްކަމަށެވެ.

ޤައުމީ ޓީމްގައި މިހާރު ހިމެނޭ ކީޕަރުންނަކީ ނިއުރޭޑިއަންޓްގެ ދެވަނަ ކީޕަރު މުޙައްމަދު ފައިސަލްއާއި، މާޒިސާގެ ކީޕަރު ހުސެއިން ޝަރީފާއި، ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ހަސަން ޠޮލާލެވެ.