މާލޭ ސިނާޢީ ސަރަޙައްދުގައި 20 ބުރީގެ ޕާރކިން ސިސްޓަމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގައި ޕާރކް ކުރާނެ ތަނެއް ހަދާފައި ނެތުމުން މާލެތެރެ ވަރަށްބޮޑަށް ތޮއްޖެހިފައިވާކަމަށެވެ. މިކަން ހައްލުކުރުމަށް މި ސަރުކާރުން ޕާކިންގ ސިސްޓަމްތަކެއް ޤާއިމު ކުރަން ފަށާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޕާކިންގ ސިސްޓަމްތައް ހެދުމުގައި ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް އައިސްފައިވާކަމަށާއި އެ މަސައްކަތްތައް ލަސްވެފައިވަނީ ޕާކިން ސިސްޓަމްތައް ހެދުމަށް ހަވާލުކުރި ކުންފުނިން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެންކަމަށެވެ. އަދި އެ ކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މާލޭ ސިނާޢީ ސަރަހައްދުގައި 20 ބުރީގެ ޕާރކިން ސިސްޓަމެއް ހަރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަޅާ ކޮންމެ ޢިމާރާތެއްގައިވެސް ޕާރކް ކުރުމަށް ޚާއްޞަ ބައެއް ހަދާނެކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން ހަދާ ޢިމާރާތްތަކުގެ ތެރެއިން ވަކި ވަރަކަށްވުރެ ބޮޑު ޢިމާރާތްތަކުގެ 2 ފަންގިފިލާ ޕާރކް ކުރުމަށް ޚާއްޞަކުރަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރަސްފަންނުގައި ހަދާ ޓަވަރުގެ ކޮންމެ އިމާރާތެއްގެ 2 ފްލޯރގއި ޕާރކިންނަށް ޚާއްސަ ސަރަޙައްދެއް ހުންނާނެ. 3000 އަކަފޫޓަށް ވުރެ ބޮޑުވެއްޖެނަމަ 2 ފްލޯރ ހުންނަން ވާނެ. އަދި 3000 އަކަފޫޓަށް ވުރެ ކުޑަނަމަ ވަކި އިންސައްތައެއް ޕާރކިންނަށް ހުންނަންވާނެ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް އެކި ސަރަޙައްދުތަކުގައި އިލެކްޓްރޯނިކް ޕާކިންގ ސިސްޓަމްތައް ސަރުކާރުން ދަނީ ބަހައްޓަމުންނެވެ. މިގޮތުން ވޭލާނާގެ ކައިރިއާއި މަޖީދީ މަގުގައި މިހާރުވެސް ޕާކިންގ ސިސްޓަމްތައް ހަރުކޮށް ދަނީ ބޭނުންކުރަމުންނެވެ. އަދި މާލޭގެ އިތުރު 2 ސަރަހައްދެއްގައި ޕާކިންގ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.