"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ "ހިޔާ" މަޝްރޫޢަށް ފޯމް ހުށެހެޅުމުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަރަށް ގިނަ ޢާންމުންގެ އެދުމުގެ މަތިން ވީހާވެސް ގިނަ ބަޔަކަށް ފްލެޓަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ކަމަށެވެ.
މިއީ އެ މިނިސްޓްރީން ފްލެޓުތަކަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ ފޯމް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކަށް ކަނޑައެޅީ ޖުލައި މަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން މި މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވެއެވެ. މިހާރު އޮތްގޮތުން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރ 30 އެވެ.
ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓުތަކަށް އެދި މިހާތަނަށް 11000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް ލިބޭ ތަރުހީބު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ހިޔާ" މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ 7000 ފުލެޓަށް ކުރިމަތިލުމަށް ފޯމް ދޫކުރަން ފަށާފައި ވަނީ މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުއެވެ.