ޚަބަރު

ޕީޕީއެމް މަކުނުދޫ ޖަގަހައަށް ބަޔަކު ގެއްލުންދީފި


ހދ. މަކުނުދޫ ޕީޕީއެމް ޖަގަހައަށް ބަޔަކު ގެއްލުންދީފައިވާތީ، ޕީޕީއެމުން އެކަން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމް ޑީ ޕީ ގެ މެންބަރުންނާއި އަދި އެޕާޓީއަށް ތާއިދުކުރާ މެންބަރުންތަކެއް ޤާނޫނާއި ޙިލާފަށް ހދ. މަކުނުދޫގެ ޕީޕީއެމް ޖަގަހައަށް ގެއްލުންދީ އަދި ބަނދަރުގެ ވަށައިގެން ޖަހާފައިވާ ގިނަ އަދަދެއްގެ ދިދަތަކެއް އުފުރާލާ މޫދަށްއުކާލާފައިވާކަމަށެވެ. އަދި މިކަން ހިނގާފައި މިވަނީ ގއ. ކޮލަމާފުއްޓާއި އަދިވެސް ބައެއް ރަށްރަށުގައި ހުރި ޕީޕީއެމްގެ ޖަގަހަތަކަށް އެމްޑީޕީގެ މެންބަރުންނާއި އަދި އެޕާޓީއަށް ތާއީދުކުރާ މެންބަރުންތަކެއް ހަމަލާތަކެއް ދިންތާ ސައުވީސް ގަޑިއިރުވެސް ނުވަނީސްކަން ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ސިޔާސީ ޕާޓީތަކުންނާއި އެޕާޓީއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ސުލްހަވެރިކަމާއިއެކު، ވާދަވެރި ރޫހެއްގައި ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން ރިވެތި އަހްލާގާއި ސުލޫކުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް ގޮވާލާފައިވެއެވެ. އަދި ޕީޕީއެމްގެ ޖަގަހަތަކަށް އިދިކޮޅު އެމްޑީޕި އާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ގެއްލުންދެމުންދާތީއާއި ދިދަފަތި ތައް ކަނޑާ ކުދިކުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ ނާތަހުޛީބު އަމަލުތައް ތަކުރާރު ނުކުރުމަށް ޕީޕީއެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.