ޚަބަރު

ފޮޓޯގްރަފީ ފަދަ ދާއިރާތައް ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރޭ - އެމްއެމްޕީއާރުސީ


ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ޙާރިސް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޙާރިސް މިހެންވިދާޅުވީ ދެވަނަ ފޮޓޯގްރަފީ އެންބެސެޑަރ ޕްރޮގުރާމުގެ ބައިވެރިންނާއެކު އެގްރީމަންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުންނެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ރާއްޖެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުމަށްޓަކާ ބޭނުންވާ ފޮޓޯ ނެގުމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ދަނީ މިދިޔަ އަހަރުން ފެށިގެން ފޮޓޯގްރަފީ އެމްބެސެޑަރުން، ނުވަތަ ރާއްޖޭގެ މަންޒަރުތައް ފޮޓޯނެގުމަށް ޚާއްޞަ އެމްބެސެޑަރުން ހޮވަމުންނެވެ. ޢާންމުކޮށް ހުޅުވާލައިގެން ހޮވާފައިވާ ދެވަނަ ފޮޓޯގްރަފީ އެންބެސެޑަރ ޕްރޮގްރާމުގެ ހަ ފޮޓޯގްރާފަރުންނާއެކު އެމްއެމްޕީއާރުސީންވަނީ އެގްރީމަންޓުގައި ސޮއިކޮށްފައެވެ.

ފޮޓޯގްރާފަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިކަމާބެހޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ ޙާރިސް މުޙައްމަދު ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންދާކަމަށެވެ.

"މިސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއްގެ ދަށުން ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރެވޭނީ ދިވެހި ފޮޓޯގްރަފަރުންނަށް އެކަނި. އެކަން ކާމިޔާބުކުރުމަށްޓަކާ މިދިޔަ އަހަރާ ހަމަޔަކަށް އަޅުގަނޑުމެންނަށްވަނީ 1000 ފޮޓޯގްރާފަރުން އުފައްދާފައި. އެއުފެއްދި ފޮޓޯގްރާފަރުންނާ، އަދި ޒަމާނުއްސުރެން ދާއިރާގައި މަސައްކަތްކުރާ ފޮޓޯގްރާފަރުންނަށް އިންޑަސްޓްރީއިން ލިބެންޖެހޭ ފުރުސަތުތައް ނުލިބިވާކަން ފާހަގަކުރެވި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އަޅުގަނޑުމެން ހިންގާ ޕްރޮގްރާމެއް މިއީ. އެމްއެމްޕީއާރުސީއާ ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮރާމެއް މިއީ."

މިރަސްމިއްޔާތުގައި ފޮޓޯގްރަފީ އެންބެސެޑަރުންގެ ފަރާތުން ވާހަކަ ދައްކަމުން ރާއްޖޭގައި ފޮޓޯގްރަފީ ދާއިރާގައި ނަން މަޝްހޫރު އާޓިސްޓެއްކަމަށްވާ ޢަލީ މުހައްމަދު (އެލީޒް) ބުނީ މިސަރުކާރުން ފޮޓޯގްރަފީ ދާއިރާއިން ކުރިއަށްދިއުމަށް ގިނަ ފުރުޞަތުތަކެއް ފޯރުކޮށްދީ، މިދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މި ދާއިރާގައި މަސައްކަތްކުރާ މީހުން އިއްތިފާޤުވާނެކަމަށެވެ.

"ސަރުކާރުން އިސްނަގްނަވައިގެން ފޮޓޯގްރާފަރުންނަށް ހޯދަދެއްވާ ފުރުސަތުތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުން. މިއަދުގެ ސަރުކާރަކީ ޒުވާނުންނަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ، އަޅުގަނޑުމެން ކުރާ މަސައްކަތައް ވަރަށް ބޮޑަށް ތާއީދުކުރައްވާ ސަރުކާރެއް. އެހެންވެ މިސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުން. "

އެއްއަހަރުގެ ދުވަހުގެ މުއްދަތަށް ފަތުރުވެރިކަމާ ގުޅުން ހުރި ތަފާތު ފޮޓޯތަކެއް ނެގުމަށް މިފަހަރު ޢައްޔަނުކޮށްފައިވާ ފޮޓޯގްރާފަރުންގެ ތެރޭގައި މުޙައްމަދު އަޖުފާން ނާޖިހު، ޝަފްރާޒު ނައީމް، ޢަލީ މުޙައްމަދު (އެލީޒް)، ޔޫސުފް ޚަލީލް (ސާލިހާ)، ޒިދާން އިބްރާހިމް އަދި މުޙައްމަދު މިއުވާން ހިމެނެއެވެ. މި ހަ ފޮޓޯގްރާފަރުންނަކީވެސް ފޮޓޯގްރަފީގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރަމުންދާ ތަޖުރިބާކާރު ފޮޓޯގްރާފަރުންތަކެކެވެ.

އެމްބެސެޑަރުން ފޮޓޯނެގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމާ ގުޅުން ހުރި އެކި ކަންކަމަށް ޚާއްޞަކޮށެވެ. މިގޮތުން އޭރިއަލް، އަންޑަރވޯޓަރ، ރިލެކްސޭޝަން، ކަލްޗަރ، އެޑްވެންޗަރ އަދި ރޮމޭންސް ހިމެނެއެވެ.
މިކަމަށްޓަކާ އެމްއެމްޕީއާރުސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެކޯޕަރޭޝަންގެ އެކްޓިން އެމްޑީ ހާރިސް

ދިވެހި ޒުވާނުންނަށް، ޚާއްޞަކޮށް ފޮޓޯގްރަފީފަދަ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް މިސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ. މީގެ ތެރޭގައި ހަމައެކަނި ދިވެހި ފަންނުވެރިންނަށް ޚާއްޞަ ދާއިރާތަކަށް ސަރުކާރުން އިސްކަމެއް ދެއްވައެވެ. މިގޮތުން ފޮޓޯގްރަފީ ދާއިރާއަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރެވޭ ދާއިރާއަކަށް ސަރުކާރުން ވަނީ ކަޑައަޅާފައެވެ. މިމަސައްކަތުގެ ދަށުން 1000 ފޮޓޯގްރާފަރުން ތަމްރީންކޮށްފައިވާއިރު، އިތުރު އެއްހާސް ޒުވާނުން މިދާއިރާއިން މިހާރުވެސް ސަރުކާރުން ދަނީ މުޅިން ހިލޭ ތަމްރީނުކުރަމުންނެވެ.