ޚަބަރު

އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސަނަދު ދީފި


އޭޑީކޭ ހޮސްޕިޓަލުން ހިންގާ ސްކޫލް އޮފް ހެލްތް ސައިންސްއިން، ކުރިއަށްގެންދިޔަ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީން ކުރުމުގެ ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް އެކަމުގެ ސަނަދު ހަވާލުކޮށްފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގެ މި ކޯސް ފުރިހަމަކުރި 9 ދަރިވަރުންނަށް އެކަމުގެ ސަނަދު ޙަވާލުކޮށްދެއްވީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރައީސް ނަޔާޒް އަޙްމަދެވެ.

އޭޑީކޭ ހޮސްޕިޓަލުން ހިންގާ ސްކޫލް އޮފް ހެލްތް ސައިންސްއިން، ކުރިއަށްގެންދިޔަ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީން ކޯހަކީ ކުއްލި ޙާލަތުގައި ނުވަތަ އަވަސްފަރުވާދޭނެ ގޮތްތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ކޯހެކެވެ. އޭޑީކޭ ހޮސްޕިޓަލުން 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީން ކޯހަކީ ފުރަތަމަ ލެވެލްގެ ކޯހެކެވެ.
އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރިޑިޓްކޮށްފައިވާ ކޯހެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

މި ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރައީސް ނަޔާޒް އަޙްމަދު ވަނީ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީނުކޯހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ ކޯހެއްކަން ފާހަގަކުރައްވާފައެވެ. ނަޔާޒް ވަނީ މިކޯސް ފުރުހަމަ ކުރި ދަރިވަރުންނަށް ކޯހުގެއަލީގައި ލިބުނު މަޢުލޫމާތު ރަނގަޅުގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވީ މިކޯސް ފަރުމާކޮށް ކުރިއަށްގެންދިޔުމަށްޓަކައި ގާތްގަނދަކަށް ފަސް އަހަރުދުވަސްވިކަމަށެވެ. އަފްއާލް ވިދާޅުވީ މިކޯހުން ދަސްވެނިވި ދަރިވަރުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓަރ ވުމަށްފަހު ވަޒީފާގެ މާހައުލުގައި އުޅެވޭނެކަމަށާއި އަދި އެކުދިންނަށް މިހާރުވެސް ވަޒީފާތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީންކުރުމަށް ކުރިއަށްގެންދިޔަ ކޯހުގައި ކިޔަވައިދީފައިވަނީ ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްޙީ ޚިދުމަތްދޭ ކޯސްތަކުގައި ކިޔަވައިދޭ އެކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރިޑިޓްކޮށްފައިވާ ކޯހެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.