ޚަބަރު

ސިނަމާލެ ބްރިޖުން، ވެހިކަލްތައް އެއާޕޯޓަށް ވަދެ ނިކުތުމުގެ ޤަވައިދު ޢާންމުކޮށްފި


ސިނަމާލެ ބްރިޖު މެދުވެރިކޮށް އެއްގަމުމަގުން ހުޅުލެއަށްދާ ވެހިކަލްތަކުގެތެރެއިން، ޢާއްމުކޮށް ހުޅުލެއަށް އެތެރެވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކަށް ވަދެވޭނީ އެ ސަރަހައްދުތަކަށް ދޫކޮށްފައިވާ ހުއްދަ ނުވަތަ ސްޓިކަރ ހުންނަ އުޅަނދުތަކަށް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުރަސްކޮށް އެއާޕޯޓަށް ވެހިކަލްތައް ވަނުމުގެ އުސޫލާއި ޕާކުކުރުމުގެ އަގުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިހާރުވަނީ ޢާންމުކޮށްފައެވެ. މިގޮތުން ވަނުން މަނާ ސަރަޙާއްދަށް ހަމައެކަނި ވަދެވޭނީ އެމް.އޭސީ.އެލް އަށާއި ސަރުކާރު މުއައްސަސާތައް އަދި އެމް.އޭ.ސީއެލްއިން ޚާއްސަ ހުއްދައެއް ދޫކޮށްފައިވާ އުޅަނދުތަކަށެވެ.

އަދި މި އުޅަނދުފަހަރުތައް އޮޕަރޭޓްކުރާ ޑްރައިވަރުންގެ އަތުގައި އެއަރޕޯޓްގައި މަސައްކަތްކުރުމުގެ ފާހެއް އޮންނަން ޖެހޭނެކަމަށް އެމް.އޭ.ސީ.އެލް އިން ބުނެއެވެ. ޢާންމު ދަތުރުފަތުރުކުރުމަށް ސިނަމާލެ ބްރިޖް ހުޅުވާލާއިރު ވެހިކަލްތައް ވަނުމަށް ހަތަރު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ.

މިގޮތުން އަމިއްލަ ވެހިކަލްތަކަށް ޕާކް ކުރާނެ ސަރަޙައްދަކާއި ފުރަން އަންނަ ފަރާތްތައް ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަޙައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާބަސްތަކަށް ޚާއްސަ ސަރަހައްދެއްވެސް ވަނީ ކަނޑައަޅާފައެވެ.

ފުރަން ދާ މީހުން ދަތުރުކުރާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކާއި ބަސްތަކަށް ޚާއްސަ ސަރަހައްދުގައި ހަމައެކަނި މަޑު ކުރެވޭނީ ލަގެޖް ބޭލުމަށެވެ. އަދި އިތުރު އެއްވެސް ބޭނުމެއްގައި މި ސަރަޙައްދުގައި މަޑުކޮށްގެން ތިބުމަކީ މަނާކަމެކެވެ.
އަމިއްލަ އުޅަނދުތައް ޕާކް ކުރުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުން ފީއެއް ނެގުމަށް އެމް.އޭ.ސީ.އެލް އިން ހަމަޖައްސާފައިވާއިރު އެ ފީނެގުމަށް ޚާއްސަ ޗެކް ޕޯސްޓެއް އެސަރަޙައްދުގައި ވަނީ ޤާއިމްކޮށްފައެވެ.

މި ފީނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުންނަމަ އެއް ގަޑިއިރަށް 20ރުފިޔާއެވެ. އަދި ދެގަޑިއިރަށްނަމަ 30 ރުފިޔާ ނަގާއިރު ތިން ގަޑިއިރަށް 40 ރުފިޔާއެވެ. މި އުސޫލްގައި ވާގޮތުގެ މަތިން މިއަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ސައިކަލްތަކުން އެއް ގަޑިއިރަށް 10 ރުފިޔާ ނަގާއިރު ދެ ގަޑިއިރަށް 15 ރުފިޔާ އަދި ތިންގަޑިއިރަށް 20 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ގަޑިއިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.