ޚަބަރު

ސިނަމާލެ ބުރިޖު އާންމު ދަތުރުތަކަށް ހުޅުވާލުމާއެކު ހުޅުމާލެ ފެރީޓާމިނަލް އަމާން ވެއްޖެ


ސިނަމާލެ ބުރިޖު ޢާންމު ދަތުރުފަތުރަށް ހުޅުވާލުމާއެކު މިކަމުގައި ހުރިހާގޮތަކުންވެސް އެންމެ ބޮޑު ފަސޭހައެއް ލިބިގެންދާނީ ހުޅުމާލެއަށް ދަތުރުކުރާ މީހުންނަށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިއަދު ހަތަރެއް ޖެހިއިރު ބުރިޖު ޢާންމުކޮށް ހުޅުވާލުމާއެކު ކުރިން ހަލަބޮލި ތަނެއްގެގޮތުގައި އޮތް ހުޅުމާލެ ފެރީޓާމިނަލް ފެނިގެންދިޔައި ވަރަށްވެސް ހަމަހިމޭންތަނެއްގެ ގޮތުގައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމުގައިވާ ސިނަމާލެ ބުރިޖަކީ އެބުރިޖްގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ވަކިން ޚާއްޞަކޮށް މާލެ ޞަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މިމަޝްރޫޢަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ދިވެހިންގެ ޤައުމީ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިންގެ އުންމީދީ ސިޓީގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ހުޅުމާލެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލި މަޝްރޫއެވެ.

މީގެ ކުރިން އެއަރޕޯޓަށް ދިއުމަށާއި، ހުޅުމާލެ ދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރު ބައެއް ފަރާތްތަކަށް އެތަކެއް ތަކުލީފުތަކެއް އުފުލަންޖެހުނު ދަތުރުތަކެކެވެ. ވިއްސާރަވެ ކަނޑުގަދަވެ މޫސުން ކިތަންމެ ގޯސްވިނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އެކި އެކި ބޭނުންތަކުގައި މާލެއިން ހުޅުމާލެއަށްދާ މީހުން ކަނޑުމަގުން ދަތުރުތައްކުރަމުންދެއެވެ. މޫސުން ގޯސްވެ ފެރީ ދަތުރުތައް ހުއްޓާލި ދުވަސްތައްވެސް މަދެއްނޫނެވެ. ބުރިޖު ވުޖޫދަށް އައުމާއެކު މިފަދަ ދުވަސްތައް މާޒީއަށްވެގެން ދިޔައީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ރިޔާސީ އެއްމެ މުހިއްމު އެއް ވަޢުދުކަމުގައިވާ ސިނަމާލެ ބުރިޖު ނިމި ރަސްމީކޮށް ހުޅުވައި އާންމު ދަތުރުތަކަށްވެސް މިއަދު މިވަނީ ހުޅުވާލާފައެވެ، މިއީ ކުރިން މިފާހަގަކުރި ހުރިހާ ދަތިތަކަށް ލުއި ލިބިގެންދިޔަ ދުވަހެވެ. ބުރިޖު ޢާންމު ދަތުރުތަކަށް ހުޅުވާލުމާއެކު އަޅުގަނޑުމެން ޕީ.އެސް.އެމް ނިއުސްޓީމުން ހުޅުމާލެ ފެރީޓާމިނަލް ޞަރަޙައްދަށް ޒިޔާރަތްކޮށް އެޞަރަހައްދު ބަލާލީމެވެ.

ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ފެރީތަކުގައި ހުޅުމާލެއަށް ދަތުރުތައް ކުރަމުން ދިޔައިރު ހަފުތާ ބަންދުގެ ދެދުވަހަކީ މިޢަދަދު އެތައް ގުނައެއް އިތުރުވެގެންދާ ދުވަސްތަކެކެވެ. ބޮޑު ކިއޫއެއްގައި ޖެހިގެން ސައިކަލު ފެރީއަށް އަރުވައިގެން ހުޅުމާލެއަށް ގޮސް އަނެއްކާ ފެރީން ސައިކަލު ބޭލުމަކީ އެހާމެ ނުރައްކާތެރި އަދި އެތަކެއް އުނދަގޫތަކެއް އާންމުން ތަހައްމަލް ކުރަންޖެހުނުކަމެކެވެ.
މިއަދު ހަވީރުގެ ވަގުތުގައި ހުޅުމާލެއަށް ފެރީގައި ދަތުރުކުރި ޢާންމު މީހުންގެ ޢަދަދުވެސް އެތައްގުނައެއް މަދުކަން ފާހަގަވިއެވެ. ފެރީއަށް އެރުމަށް ޓިކެޓު ނަގަންވެސް ހަފުތާ ބަންދު ދުވަސްތަކުގައި ދިގު ކިއޫ ހަދާފައި އޮވެއެވެ. ނަމަވެސް ހުކުރުދުވަހަކާ އަޅާބަލާއިރު ކިއުގައި ޖެހިގެން މީހުން ނެތްކަން ފާހަގަކުރެވުނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ޓީ.ސީ.ސީގެ އޮފިޝަލަކު ވިދާޅުވީ، ފެރީގައި ދަތުރުކުރި މީހުންގެ ޢަދަދު ހުކުރު ދުވަހަކާއަޅާ ބަލާއިރު މިއަދު ހަވީރު ކޮންމެވެސް ވަރަކަށް މަދުވިކަމަށާއި، ނަމަވެސް ބުރިޖުގައި އެއްވެސް ފީއަކާއި ނުލައި ޢާންމު ދަތުރުތައްކުރަން ފުރުޞަތު ހުޅުވާލުމާއެކު ވަރަށް މަދު ޢަދަދެއްގެ ސައިކަލެއް ނޫނީ ފެރީގައި އުފުލާފައި ނުވާކަމަށެވެ.
އޭނާ ވިދާޅުވީ، ފެރީތަކުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް އަދި ނުގެންނާނެކަމަށެވެ. ބުރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީނަގަން ފެށުމާއެކު އެއް މަހަށް ބެލުމަށްފަހު ނޫނީ އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައި ނުވާކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.