ޚަބަރު

ފުނަދޫ އެއަރޕޯޓުގެ ރަންވޭގައި ތާރުއަޅަން ފަށައިފި


ށ.ފުނަދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭގައި ތާރުއަޅަން ފަށައިފިއެވެ. އެމްޓީސީސީން ބުނީ ރަންވޭގައި ތާރު އަޅަން ފަށާފައިވާއިރު މިހާރު ގާތްގަނޑަކަށް 400 މީޓަރަށް ތާރު އަޅައި ނިމިފައިވާކަމަށާ އަމާޒަކީ މޫސުން ގޯސް ނުވެއްޖެނަމަ މި ހަފްތާތެރޭ ރަންވޭގައި ތާރުއަޅައި ނިންމާލުންކަމަށެވެ.

ފުނަދޫ އެއަރޕޯޓްގައި ތާރުއަޅަން ފަށާފައިވާއިރު އެއަރޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމައި ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ އަސްފާލްޓް ކޮންކްރީޓް ބޭސް ނުވަތަ އޭ.ސީ.ބީ ލޭޔަރ އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާގފައިވަނީ މިދިޔަމަހުގެ 6 ވަނަ ދުވަހެވެ.
ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ތެރެއިން ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމާއި، ރަންވޭއާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އަޅަން ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައިފައެވެ.